އާންމުންނަށް އުނދަގޫކުރަމުން ގެންދިޔަ ފައިރިޝް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި
މާލޭގައި އަވަށްޓެރިންނަށާއި އާންމުންނަށް އުނދަގޫކުރާ މައްސަލަ ހައްލުނުވެގެން ދިވެއްސަކު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފައިރިޝް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފައިރިޝް ހައްޔަރުކުރީ، އޭނާގެ ފަރާތުން އާންމު އުނދަގޫ ކުރާ މައްސަލަބޮޑުވެ އެކަން ހައްލުނުވާ ކަމުގެ ކަންބޮޑުވުމާއެކު، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު މިދިޔަ މަހުގެ 17ގައި ހެންވޭރު ޕޮލިސް ސްޓޭޝަންގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްގެންދެވި ފަހުންނެވެ.
އެ މައްސަލައިގައި ފައިރިޝް ހައްޔަރުކުރުމަށް ފަހު ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއެވެ. ނަމަވެސް ފައިރިޝް ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް، ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ)އަށް ބަދަލުކޮށްފައިވަނިކޮށް ނިމުނު މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ ވަނީ ފިލައިފައެވެ.
އެއަށްފަހު އޭނާ މާލެއިން ހޯދައި، މި މަހުގެ އެއްވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ މައުލޫމާތު ދީފައެވެ.
ފައިރިޝް މިއަދު އަނެއްކާ ވެސް ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ހާޒިރުކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޓިން އޮފިސަރު ވަނީ، ފައިރިޝް ބޭއަދަބީ ބަސް ބޭނުންކޮށް މަގުމަތީގައި ހުރި މީހަކަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ވިދާޅުވެފައެވެ.
ދިފާއުގައި ފައިރިޝް ބުނެފައިވަނީ އޭނާ މީހަކަށް ބިރު ނުދައްކާ ކަމަށާއި އޭނާގެ ކަރުގައި މީހަކު ހިފާފައިވާ ކަމަށެވެ.
ކޯޓުން ވަނީ، އޭނާ ދޫކޮށްލައިފި ނަމަ އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމައި، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
