Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމަށް ރާއްޖެއަށް އޮތީ އެންމެ 13 އަހަރުގެ ހަނި ފުރުސަތެއް: ވޯލްޑް ބޭންކް.

އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމަށް ރާއްޖެއަށް އޮތީ އެންމެ 13 އަހަރުގެ ހަނި ފުރުސަތެއް: ވޯލްޑް ބޭންކް.
photo: Corporate Maldives
ތަފްޞީލް

ވޯލްޑް ބޭންކުން މި މަހު ނެރުނު "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކާ ހިލާފަށް، އާބާދީ މުސްކުޅިވުމުގެ ކުރިން ތަނަވަސް ގައުމަކަށް ވުމުގެ ގާބިލުކަން އޮތީ ހަމައެކަނި ރާއްޖެއަށެވެ. ނަމަވެސް އާބާދީ މުސްކުޅިވަމުންދާ ދުވެލި އިންތިހާއަށް ހަލުވިވުމުގެ ސަބަބުން، ރާއްޖެއަށް މިހާރު އޮތީ ވަގުތާ އެކު ކުރަންޖެހޭ ވަރުގަދަ ރޭހެކެވެ.


އެންމެ 13 އަހަރު ތެރޭގައި ބޮޑު ބަދަލެއް

ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، "މުސްކުޅިވަމުންދާ އާބާދީއަކުން" "މުސްކުޅި އާބާދީއަކަށް" ބަދަލުވުމަށް ދެކުނު އޭޝިއާގެ އެވްރެޖް ގައުމަކަށް 25 އަހަރު ނަގާނެއެވެ. ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައި މިކަމަށް އެވްރެޖްކޮށް 32 އަހަރު ނަގާއިރު، ކުރިއަރާފައިވާ ގައުމުތަކުގައި މި ބަދަލު އައުމަށް 46 އަހަރު ނަގާފައިވެއެވެ.


އެހެން ނަމަވެސް، ރާއްޖޭގައި މި ބަދަލު އަންނާނީ އެންމެ 13 އަހަރުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގެ އާބާދީއަށް އަންނާނެ މައިގަނޑު ބަދަލުތަކަކީ:


. މުސްކުޅިވަމުންދާ އާބާދީއަކަށް ބަދަލުވުން: ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވެ، "މުސްކުޅިވަމުންދާ އާބާދީއެއް" ގެ ދަރަޖައަށް ބަދަލުވާނެއެވެ.

. މަސައްކަތްކުރާ އާބާދީ ދަށްވާން ފެށުން: އުމުރުން 15 އަހަރާއި 64 އަހަރާ ދެމެދުގެ މަސައްކަތްކުރާ އާބާދީގެ ނިސްބަތް އެންމެ މައްޗަށް ދިއުމަށްފަހު، އޭގެ ފަހުން މަސައްކަތްކުރާ މީހުންގެ ނިސްބަތް ދަށްވާން ފަށާނެއެވެ.

. މުސްކުޅި އާބާދީއަކަށް ބަދަލުވުން: އާބާދީގެ 14 ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، 2044 ވަނަ އަހަރު ރާއްޖެއަކީ "މުސްކުޅި އާބާދީއެއް" އޮތް ގައުމަކަށް ބަދަލުވާނެއެވެ. އަދި 2050 ވަނަ އަހަރާ ހަމައަށް ދާއިރު މި ނިސްބަތް 20 ޕަސެންޓަށް ވުރެ މައްޗަށް އަރާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.


ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ރާއްޖެ އޮތީ ކުރީގައި

މިހާރު ވެސް ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ މާ މައްޗެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި، 2013 އިން 2023 އަށް ރާއްޖޭގެ އިގްތިސާދު ކުރިއެރި ނިސްބަތުގައި ކުރިއަށް އޮތް ތަނުގައި ވެސް ހިފެހެއްޓިއްޖެ ނަމަ، 2044 ގައި ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެއެވެ.


photo: Mihaaru

މިއީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގެ އާބާދީ މުސްކުޅިވާއިރު، އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުން މުސްކުޅިވާން ފެށިއިރު ހުރި މިންވަރަށް ވުރެ ވެސް ދަށުގައެވެ. މީގެ އިތުރުން، 2030 ވަނަ އަހަރު މުސްކުޅި އާބާދީއަކަށް ބަދަލުވާ ސްރީ ލަންކާ މިހާރު ވެސް އޮތީ މާލީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


އެހެން ނަމަވެސް، ރާއްޖެއަށް ލިބިފައިވާ މި ފުރުސަތު ބީވެގެން ހިނގައިދާނެ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. ހާއްސަކޮށް ދައުލަތުގެ ހަރަދުތައް މިހާރުވެސް އިންތިހާއަށް ބޮޑުވެފައިވާއިރު، އާބާދީ މުސްކުޅިވަމުންދާ ވަރަކަށް ސިއްހީ ފަރުވާއަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.


ރިޕޯޓުގައިވާ ގޮތުން، 2044 ވަނަ އަހަރު އައުމުގެ ކުރިން ރާއްޖެއިން ވަގުތުން އިސްލާހުކޮށް، ފިޔަވަޅު އަޅަންޖެހޭ މައިގަނޑު ހަތަރު ދާއިރާއަކީ:

  • ސިއްހީ ނިޒާމު ހަރުދަނާކުރުން: ރާއްޖޭގައި އުފަންވާ ކުއްޖެއްގެ އެވްރެޖް އުމުރު 80 އަހަރާ ގާތްކުރި ނަމަވެސް، ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކުރެވެނީ 70 ވަރަކަށް އަހަރެވެ. އެހެންކަމުން، ހަމައެކަނި ހޮސްޕިޓަލްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ގައިންގަޔަށް ނާރާ ބަލިތައް ކުރީބައިގައި ދެނެގަނެވޭނެ ފަދަ ޕްރައިމަރީ ހެލްތު ކެއާ ނިޒާމެއް ގާއިމުކުރުމާއެކު، ދުވަސްވީ މީހުންނަށް ހިދުމަތްދޭނެ ފަންނީ މީހުން ތަމްރީނުކުރަން ޖެހެއެވެ.
  • މަސައްކަތްތެރިންގެ އާބާދީ ދެމެހެއްޓުން: 2033 ވަނަ އަހަރުގެ ފަހުން މަސައްކަތްކުރާ އުމުރުފުރައިގެ މީހުންގެ ނިސްބަތް ދަށްވާން ފަށާނެތީ، ވަޒީފާގެ ބާޒާރަށް އަންހެނުން ނުކުތުމަށް ހުރި ހުރަސްތައް ނައްތާލަން ޖެހެއެވެ. އަދި އުމުރުން ދުވަސްވާ މީހުންނަށް އާ ހުނަރުތައް ދަސްކޮށްދީ، ގިނަ ދުވަހު މަސައްކަތުގެ މާހައުލުގައި ދެމިތިބެވޭނެ ގޮތްތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
  • ޒުވާނުން ބާރުވެރިކުރުވުން: އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މި ސަރަހައްދުގެ ޒުވާނުންނަށް ހުރި އާދައިގެ ވަޒީފާތައް 24 ޕަސެންޓް މަދުވެފައިވާއިރު، ޒަމާނީ ޓެކްނޮލޮޖީއާއި އާ ހުނަރުތަކަށް ޒުވާނުން އަހުލުވެރިކުރުވަން ޖެހެއެވެ. މީގެ އިތުރުން، ޒުވާނުންގެ އަމިއްލަ ވިޔަފާރިތައް ފަށައި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފުޅާކުރަން ޖެހެއެވެ.
  • މާލީ އިސްލާހުތަކާއި ޕެންޝަން ނިޒާމު: ދުވަސްވީ މީހުންގެ އާބާދީ ބޮޑުވަމުންދާ ދިއުމާއެކު، ރާއްޖޭގެ ޕެންޝަން ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހެއެވެ. އަދި ހަމައެއާއެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، އިސްރާފާއި ހަރަދުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.




Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all