61 އަހަރުގެ މާމައަކު 5 ގަޑިއިރު ވަންދެން "ޕްލޭންކް" ކޮށްގެން ދުނިޔޭގެ ރެކޯޑު މުގުރާލައިފި
ކެނެޑާގެ އަލްބާރޓާ ޕްރޮވިންސްގެ ވެލިންގ އަވަށަށް ނިސްބަތްވާ 58 އަހަރުގެ ޑޯނާ-ޖީން ވައިލްޑް (Donna Jean Wilde)، މެދުނުކެނޑި 4 ގަޑިއިރާއި 30 މިނެޓާއި 11 ސިކުންތު ވަންދެން ބަނޑުވަތަށް ޕްލޭންކް (abdominal plank) ކޮށްގެން އަންހެނުންގެ ދުނިޔޭގެ ރެކޯޑު މުގުރާލުމަށްފަހު ، އެމެރިކާގެ ޔޫޓާގައި ބޭއްވި ހަންޓްސްމަން ވޯލްޑް ސީނިއާ ގޭމްސްގައި ސީދާ 5 ގަޑިއިރު ވަންދެން ޕްލޭންކް ހިފަހައްޓައިގެން އޭނާގެ އަމިއްލަ ރެކޯޑު އާކުރުމަށް ވަރުގަދަ މަސައްކަތެއް ކޮށްފިއެވެ. 12 މާމަދަރިން ތިބޭ އަދި ކުރީގެ ވައިސް ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރި ޑޯނާ، ފުރަތަމަ ގިނިސް ވޯލްޑް ރެކޯޑު ގާއިމުކުރީ އޭނާ ވަޒީފާ އަދާކުރި މެގްރާތު ހައިސްކޫލުގައި، ދަރިވަރުންނާއި އާއިލާގެ ކުރިމަތީގައެވެ . އޭނާ ވަނީ 2019 ވަނަ އަހަރު ކެނެޑާގެ ޑާނާ ގްލޮވަކާ ހަދާފައިވާ 4 ގަޑިއިރާއި 19 މިނެޓުގެ ކުރީގެ ރެކޯޑު 10 މިނެޓަށްވުރެ އިތުރުކޮށްފައެވެ.
އާންމު މީހަކަށް އެންމެ ދެތިން މިނެޓު ވަންދެންވެސް ކެތްކޮށްލަން އުނދަގޫ، ހަށިގަނޑުގެ ބަނޑާއި އުޅަނބޮށި އަދި މައިބަދައިގެ މަސްތަކަށް ބާރުބޮޑު މި ކަސްރަތަށް ޑޯނާ ތަމްރީނުވާން ފެށީ މީގެ 12 އަހަރު ކުރިންނެވެ . އެއީ އޭނާގެ އަތުގެ ކުޑަހުޅު ބިންދައިގެން ގޮސް، ޕްލާސްޓަރު އަޅަން ޖެހުމުން ދުވުމާއި އެހެނިހެން ކަސްރަތުތައް ނުކުރެވިގެން ޕްލޭންކް ކުރަން ފެށި ހިސާބުންނެވެ . އޭގެ ފަހުން އޭނާ ވަނީ ދުވާލަކު ގާތްގަނޑަކަށް 3 ގަޑިއިރު، އަދި ރެކޯޑަށް ތައްޔާރުވުމުގެ ގޮތުން ދުވާލަކު 6 ގަޑިއިރު ވަންދެންވެސް މި ކަސްރަތު ފުރިހަމަކޮށްފައެވެ . ހާއްސަކޮށް، މާސްޓަރސް ޑިގްރީއަށް ކިޔެވި ދުވަސްވަރު ފޮތްތައް ކިޔައި ފިލާވަޅުތައް ދަސްކުރުމުގެ މަސައްކަތްވެސް އޭނާ ކުރީ ބިންމަތީގައި ޕްލޭންކް ޕޮޒިޝަންގައި އޮވެގެންނެވެ .
ޑޯނާ ފާހަގަކުރި ގޮތުގައި، އޭނާގެ އަތާއި ފައިގައި ނާރުގެ ދާއިމީ ތަދު (chronic pain) ހުންނަ ނަމަވެސް، މި ކަސްރަތުގެ ސަބަބުން އެ ތަދުތަކަށް ކެތްކުރުމުގެ ނަފްސާނީ އަދި ޖިސްމާނީ ހިތްވަރު ވަނީ ލިބިފައެވެ. ރެކޯޑު ހެދުމުގެ ފަހު ގަޑިއިރުގެ ތެރޭގައި އުޅަނބޮއްޓަށާއި ފައިގެ އިނގިލިތަކަށް ލިބުނު ބޮޑު ތަދާއެކުވެސް، އޭނާގެ ފިރިމީހާއާއި 12 މާމަދަރިން ދިން ހިތްވަރުން އޭނާ ވަނީ ފަހު ވަގުތާ ހަމައަށް ހިފަހައްޓާފައެވެ . އުމުރުން ދުވަސްވީ ނަމަވެސް، އަޒުމާއި ތަމްރީނާއެކު އާދަޔާޚިލާފު ކާމިޔާބީތައް ހާސިލުކުރެވިދާނެކަން ޑޯނާ ސާބިތުކޮށްދިން މި ހާދިސާއަކީ މުޅި ދުނިޔޭގެ މީޑިއާތަކުގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ހިތްވަރުގަދަ މިސާލެކެވެ.
