News Featured

2030 ގެ ކުރިން ފެން މުޅިން ހުސްވެދާނެކަމުގެ އިންޒާރު: ކާބުލްގެ ރައްޔިތުން ފެނަށްޖެހި ބޮޑު ކާރިސާއެއްގައި؛

Advertisement
2030 ގެ ކުރިން ފެން މުޅިން ހުސްވެދާނެކަމުގެ އިންޒާރު: ކާބުލްގެ ރައްޔިތުން ފެނަށްޖެހި ބޮޑު ކާރިސާއެއްގައި؛
ތަފްޞީލް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ބޫމީޔަތު ފެންފަށަލަ ހަލުވިކަމާއެކު ހުސްވަމުންދާތީ، ކުރިއަށް އޮތް 2030 ވަނަ އަހަރާ ހަމައަށްދާއިރު އެ ސިޓީއަކީ މުޅި ދުނިޔޭގައިވެސް ފެން މުޅިން ހުސްވާ ފުރަތަމަ ބޮޑު ވެރިރަށަށް ވެދާނެކަމުގެ އިންޒާރު ސައިންސްވެރިންނާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކުން ދީފިއެވެ.

 

އދ. ގެ ކުޑަކުދިންނާ ބެހޭ ޖަމްޢިއްޔާ (ޔުނިސެފް) އާއި ތިމާވެއްޓާ ބެހޭ ދިރާސާކުރާ އިދާރާތަކުން ހާމަކުރާ ގޮތުގައި، 6 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކާބުލް ސިޓީގައި ބޭނުންކުރާ ފާޚާނާއާއި ބޯފެން ނަގާ ވަޅުތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެކު ބައި ވަނީ މުޅިން ހިކިފައެވެ. އަދި ބާކީ ހުރި ފެނުގެ ތެރެއިން 80 އިންސައްތައަކީ ނަޖިހާއި މާއްދާތަކުން ތަގައްޔަރުވެ، ބޯން ނުރައްކާތެރި ފެނެވެ.

 

މި ކާރިސާ އުފެދެން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި؛ މޫސުމީ ބަދަލުތަކުގެ ސަބަބުން ވާރޭ ނުވެހުމާއި، ކާބުލްގެ އާބާދީ ބާރަށް އިތުރުވުމާއި، ގަވާއިދާ ހިލާފަށް އަޑިން ފެން ނެގުމުގެ އިތުރުން ސަރުކާރުގެ ފެން މެނޭޖްކުރުމުގެ ނިޒާމު ފޫގޮސްފައިވުން ހިމެނެއެވެ.

 

ކާބުލްގެ ގިނަ ހިސާބުތަކުގައި ފެން ނެގުމަށްޓަކައި އަޑިއަށް ތޮރުފާއިރު ކުރިން 40 މީޓަރު ފުންކުރަން ޖެހުނު ނަމަވެސް، މިހާރު ވަނީ 100 މީޓަރަށްވުރެ އަޑިއަށް ތޮރުފަން ޖެހިފައެވެ. މީގެ ސަބަބުން ފެން ލިބުމުގެ ތަނަވަސްކަން ނެތް އާންމު ނިކަމެތި އާއިލާތަކުން ދަނީ ދުވާލަކު އެތައް ގަޑިއިރަކު ކިއުގައި ތިބެގެން ނުވަތަ ބޮޑު އަގުގައި ފެން ބާޒާރުން ގަނެގެން ބޭނުންކުރަމުންނެވެ.

 

އިންސާނީ އެހީދޭ ޖަމްޢިއްޔާތަކުން ގޮވާލަނީ، އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އެކަހެރިކަމާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިންވެސް، ކާބުލްގެ ފެނުގެ ކާރިސާއަށް އަވަސް ހައްލެއް ނުހޯދައިފިނަމަ އެތައް މިލިއަން ބަޔަކު ވަޒަނާއި ގެދޮރުދޫކޮށް ދާންޖެހޭނެ ކަމަށެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles