2030 އާ ހަމައަށް އެސްޓީއޯއަކީ 20 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ކުންފުންޏަކަށް ހެދުމަށް އަމާޒު ހިފައިފި.
ޕީއެސްއެމްގެ "ހަފުތާ 156" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ޖުމްލަ ފައިދާއާއި ސާފު ފައިދާވެސް ވަނީ ހަލުވިމިނެއްގައި ކުރިއަރާފައެވެ. މިގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 750 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިހާތަނަށް ނެގުނު ވިޔަފާރީގެ ނިންމުންތަކާއި އިންވެސްޓްމަންޓްތަކުގެ ފޮނި ނަތީޖާ ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، އަހަރު ނިމޭއިރު ސާފު ފައިދާ އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޝިމާދު އަންދާޒާ ކުރައްވައެވެ. އެސްޓީއޯގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން:
. ފުރަތަމަ ކުއާޓަރު: އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
. ދެވަނަ ކުއާޓަރު: އާމްދަނީ 5.4 ބިލިއަން ރުފިޔާއަށް އުފުލުނުއިރު، ސާފު ފައިދާއަކީ 280 މިލިއަން ރުފިޔާއެވެ.
. ތިންވަނަ ކުއާޓަރު: 6.9 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު 281 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ހޯދާފައެވެ.
މި ތިން ކުއާޓަރުގެ ޖުމްލަ ސާފު ފައިދާ މިހާރުވެސް ވަނީ 837 މިލިއަން ރުފިޔާއަށް އަރާފައެވެ.
ކުންފުނީގެ ވިޔަފާރީގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޝިމާދު ވިދާޅުވީ، އެސްޓީއޯއިން އިސްކަންދެނީ މުދަލުގެ އަގު ބޮޑުކޮށްގެން ބޮޑު ފައިދާއެއް ނެގުމުގެ ބަދަލުގައި، ވިޔަފާރިކުރާ މިންވަރު ނުވަތަ "ވޮލިއުމް" އިތުރުކޮށްގެން މަންފާ ހޯދުމަށް ކަމަށެވެ. ޚާއްޞަކޮށް ތެލަކީ އާންމު ދިރިއުޅުމާ ގުޅިފައިވާ އަސާސީ ބާވަތަކަށް ވާތީ، ރިސޯޓުތަކަށާއި ޑިސްޓްރިބިއުޓަރުންނަށް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެނީ ވީހާވެސް ކުޑަ ފައިދާއެއް ލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު ފެށި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތާއި އަލަށް ތަޢާރަފުކުރި ވީއެލްއެސްއެފްއޯ ތެލުގެ ވިޔަފާރިއަކީ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޝިމާދު ސިފަކުރެއްވިއެވެ. އެ ޚިދުމަތް ފެށި ފުރަތަމަ ދެތިން މަހު 2.9 މިލިއަން ޑޮލަރު ލިބުނުއިރު، މިދިޔަ އަހަރު އެ އަދަދު 18 މިލިއަން ޑޮލަރަށް އަރައި، މި އަހަރުގެ މިހާތަނަށް 70 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ އެ ވިޔަފާރިން ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
