News Featured

2028 ގެ ރިޔާސީ ޓިކެޓަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާން ކުރައްވައިފި

Advertisement
2028 ގެ ރިޔާސީ ޓިކެޓަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާން ކުރައްވައިފި
ތަފްޞީލް

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

 

މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ފައިސަލް ނަސީމް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ ޕާޓީގެ އާންމު މެންބަރުންނާއި ސިޔާސީ އިސް ބޭފުޅުންގެ މަޝްވަރާއާއެކު ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެނަމަ، ރިޔާސީ އިންތިޚާބުގައި އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސަވާނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމަށްވެސް ފައިސަލް ވަނީ ހާމަކުރައްވާފައެވެ.

 

ރިޕޯޓުތައް ބުނާގޮތުން ފައިސަލް ނަސީމް ޕްރައިމަރީއަށް ނުކުންނަވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދާއެކުގައެވެ. 2018 އިން 2023 އަށް ރައީސް ޞާލިޙުގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ވަނީ ފަހުން އެމްޑީޕީއަށް ސޮއިކުރައްވައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައެވެ.

 

2028 ގެ ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލްވެސް ވަނީ އިއުލާނު ކުރައްވާފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުވެސް ޕްރައިމަރީގައި ވާދަކުރައްވާފާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް