Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

2027 ވަނަ އަހަރު ނިމުމުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ ނިންމާނަން: ރައީސް މުޢިއްޒު

2027 ވަނަ އަހަރު ނިމުމުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ ނިންމާނަން: ރައީސް މުޢިއްޒު
Photo: President's Office
ތަފްޞީލް

އަންނަ 2027 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ އަހަރު ކަމަށާއި، މިހާރު ސޮއިކޮށްފައިވާ އަދި ފަށާފައިވާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ އަންނަ އަހަރުގެ ނިޔަލަށް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލީ ދަތިތަކާއި ބޭރުގެ އިޤްތިޞާދީ ލޮޅުންތަކާ ހުރެ މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވިފައިވަނީ ރޭވިފައި އޮތް މިންވަރަށްވުރެ ލަހުން ކަމަށެވެ.


މިގޮތުން ބަނދަރު ހެދުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުތައް މަޑުޖެހިފައިވާކަމަށް ރައީސް ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ.


ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢުތައް ލަސްވާން މެދުވެރިވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުން ރައްޔިތުންނަށް ކުރިމަތިވެދާނެ އިޤްތިޞާދީ ދަތިތަކުން އާންމު ގޭބިސީތައް ރައްކާތެރިކުރުމަށާއި، ދައުލަތުގެ ދަރަނި ނުވަތަ ލޯނުތައް ދެއްކުމަށް ސަރުކާރުން އިސްކަންދޭން ޖެހުމުންނެވެ. އަދި މި އަހަރުގެ ތެރޭގައި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


"މި އަހަރަކީ ލޯނު ދެއްކުމުގެ އަހަރު. މި އަންނަ އަހަރަކީ މަޝްރޫޢުތައް ނިންމާ ރައްޔިތުންނަށް ހަވާލުކުރާނެ އަހަރު،" ރައީސް ވިދާޅުވިއެވެ.


މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމުމަށް ޚާއްޞަކޮށްގެން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މަގު ހެދުމާއި، ބަނދަރު ތަރައްޤީ ކުރުމާއި، ފެނާއި ނަރުދަމާގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކުޅިވަރުގެ މަޝްރޫޢުތައް އަންނަ އަހަރު ހަލުވިކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް އެއްފަހަރާ ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ބިން ހިއްކައިދިނުމަށް ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދި ލަސްވަނީ ކީއްވެތޯ ސުވާލުކޮށް ރައްޔިތުންގެ ފަރާތުން ގިނަ މެސެޖުތަކެއް ލިބިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއްވެސް ވަޢުދުފުޅެއް ހަނދުމަފުޅު ނުނެތޭ ކަމަށާއި، މަސައްކަތްތައް ލަސްވީ މާލީ ޙާލަތު ހުރި ގޮތުން ކަމަށް ވިދާޅުވެ، ހުރިހާ ވަޢުދުތަކެއް ފުއްދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.


މީގެ އިތުރުން، ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސް ކުރުމަށްޓަކައި އެމްޓީސީސީގެ ޑްރެޖް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން އެމްޓީސީސީން މިހާރު ބޭނުންކުރާ 'މަހާޖައްރާފު'އަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ހޯދުމަށް ފައިސާ ދައްކައި، އަންނަ 2027 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ އުޅަނދު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ގެނެވޭނެ އިންތިޒާމުތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all