ވިލިމާލެ ގެއެއްގެ ފާހާނާ ތެރެއަށް އަންހެނަކު ވިހެއި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި؛ ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފައި!
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވިލިމާލެ ހޮސްޕިޓަލުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާ ވަނީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހެއުމަށްފަހު، އަމިއްލައަށް ވިލިމާލެ ހޮސްޕިޓަލަށް ގުޅައި އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެއާއެކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، އެމްބިއުލާންސްގައި އެ އަންހެން މީހާއާއި އަލަށް އުފަންވި ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައެވެ.
ނަމަވެސް، ހޮސްޕިޓަލަށް ގެންގޮސް އެ އަންހެން މީހާ ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ ދެނެގަނެވިފައެވެ. ހޮސްޕިޓަލުން އެ ކުއްޖާ ވިއްސި ނަމަވެސް، އުފަންވިއިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ.
ވިލިމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާގައި އުފަންވި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިންނެވެ. އަދި ގޭގެ ފާހާނާ ތެރެއަށް ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
