ވ. ތިނަދޫ ގެސްޓްހައުސެއްގައި އެއް ޖިންސުން ކައިވެނިކޮށްދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކައުންސިލުން ދީފި
ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސެއްގައި އެއް ޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބޭއްވި މައްސަލަ ހޫނުވެ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ރަށު ކައުންސިލުން އެދެފި އެވެ.
ތިނަދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ރަށުގައި ހިންގާ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި މިދިޔަ ހޯމަ ދުވަހު ދެ އަންހެނުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވާފައިވާ ކަމަށާއި، އެއީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ރަށުގެ އާއްމު ސަރަހައްދުތަކާއި ގެސްޓްހައުސްގެ ބީޗު ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ އުސޫލުތަކަށް އަލިއަޅުވާލަމުން ކައުންސިލުން ވަނީ، އެ ތަންތަން ބޭނުންކުރަން ވާނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ހުއްދަކޮށްފައިވާ ކަންކަމަށް އެކަނި ކަން ހަނދާންކޮށްދީފަ އެވެ.
ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެއް ޖިންސުން ކައިވެނިކުރުމާއި އެފަދަ އަމަލުތަކަށް ހިތްވަރުދިނުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން އާއްމުންގެ މެދުގައި ތިނަދޫއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ރަށުގެ ރައްޔިތުންނަށާއި އެ ރަށުގައި ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ސިނާއަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.
އިސްލާމް ދީނާއި ގާނޫނުތަކާ ހިލާފު އެއްވެސް ހަރަކާތެއް ރަށުގައި ހިންގުމަށް ކައުންސިލުން ތާއީދު ނުކުރާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި "އިކޯބޫ މޯލްޑިވްސް" ގައި ދެ އަންހެނުން ކައިވެނިކޮށްދިން މައްސަލައާ ގުޅިގެން ކައުންސިލްގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅެއް އޮތް ނަމަ، އެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފަ އެވެ.
މީގެ އިތުރުން، ލޯކަލް ޓޫރިޒަމަކީ ތިނަދޫގެ އިގުތިސާދާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މައިގަނޑު ވަސީލަތަށް ވާތީ، ރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުންނާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ވިޔަފާރިތަކުން ދީނާއި ގާނޫނާ ހިލާފު އެއްވެސް ހަރަކާތެއް ނުހިންގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
