ތޫނު ހަތިޔާރާއެކު ހުޅުމާލޭގައި މާރާމާރީއެއް ހިންގަން އުޅުނު ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި
ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން ރާވަމުންދިޔަ ބަޔަކު ފުލުހުން ހުއްޓުވައި، އެ މައްސަލައާ ގުޅުންހުރި ހަ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ރޭ 10:50 ހާއިރު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.

އެ ސަރަހައްދަށް ގޮސް ފުލުހުން ވަނީ އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށްފަ އެވެ. އެގޮތުން އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާއިރު، އޭނާ ހުރި ދިމާލާ ކައިރިން "ބަޔޮނެޓް" މަރުކާގެ ވަޅިއަކާއި ކަޓަރެއް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. މީގެ އިތުރުން، ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސް ކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވަޅި ވަނީ ފެނިފަ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ މީހާ ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި ހާދިސާއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.