ސްޓެލްކޯ އާއި އެމްޓީސީސީއަށް ދެންވާނީ ކިހިނެއް؟



ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި، ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތައް އެއްކޮށްލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެއްކޮށްލުމާއި، ފެނަކަ ކޯޕަރޭޝަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކުގައެވެ. ނަމަވެސް، މިއީ އުފެދޭ ގިނަ ސުވާލުތަކަކާއި ކަންބޮޑުވުންތަކެއް ހުރި މައުޟޫއެކެވެ.
އެންމެ ފުރަތަމަ ކަމަކީ، ފާއިތުވި އަހަރުތަކުގައި ފެނަކަ އާއި އާރުޑީސީއަށް ސިޔާސީ އެކި ސަބަބުތަކަށްޓަކައި ބޭނުންވާ މިންވަރަށްވުރެ އިތުރަށް އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ވަޒީފާތަކަށް ނަގާފައެވެ. މިއީ އެ ކުންފުނިތަކުގެ ދަރަނި އިންތިހާއަށް ބޮޑުވެ، މާލީ އިނދަޖެހުމަކަށް ދިއުމުގެ މައިގަނޑު އެއް ސަބަބެވެ. މީގެ އިތުރުން، ދާދި ފަހުން އާރުޑީސީން ވަނީ ބޮޑު ހޭދައެއްކޮށްގެން އެތައް ބައިވަރު މެޝިނަރީތަކެއް ގަނެފައެވެ. އަދި ފެނަކައިންވެސް ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ ގިނަ އަދަދެއްގެ އިންޖީނުތަކެއް ވަނީ ބޮޑު އަގުގައި ގަނެފައެވެ. މި ހުރިހާ ވަސީލަތްތަކަކާއި މުވައްޒަފުން ސްޓެލްކޯ އަދި އެމްޓީސީސީގެ ދަށަށް ދާއިރު، މި ބޮޑު ބުރަ އުފުލުމުގެ ގާބިލުކަން އެ ކުންފުނިތަކުގައި އެބަހުރިތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.
ހަގީގަތަކީ، ސްޓެލްކޯ އާއި އެމްޓީސީސީއަކީ މިހާރުވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ކުންފުނިތަކެކެވެ. ފެނަކަ އާއި އާރުޑީސީގެ ބިޔަ މުވައްޒަފުންގެ ފައުޖު މި ކުންފުނިތަކާ ގުޅުމުން، އިދާރީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އެހާ ގިނަ މުވައްޒަފުންނަށް ބޭނުންވާ މުސާރައާއި އިނާޔަތްތައް ދީގެން، ހިންގުން ހަރުދަނާކޮށް ގެންގުޅުމަކީ މި ދެ ކުންފުންޏަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
މާލީ ގޮތުން ބަލާއިރު، ފެނަކަ އާއި އާރުޑީސީއަކީ އެތައް ބިލިއަން ރުފިޔާއެއްގެ ދަރަންޏާއި ލައިބިލިޓީސް (ޒިންމާތައް) ހުރި ދެ ކުންފުންޏެވެ. މި ބޮޑު މާލީ ބުރަ ސްޓެލްކޯ އަދި އެމްޓީސީސީގެ ބޮލުގައި އެޅުމަކީ، އެ ދެ ކުންފުނީގެ މާލީ ދުޅަހެޔޮކަން ގެއްލި، ހިންގުމަށް ބުރޫއަރާފާނެ ކަމެކެވެ. ޚާއްޞަކޮށް، ވިޔަފާރި އުސޫލުން ފައިދާ ހޯދަމުން އައި ކުންފުނިތަކަކަށް މިފަދަ ލައިބިލިޓީސްތަކެއް ބަދަލުވުމަކީ އެ ކުންފުނިތަކުގެ މާލީ ގާބިލުކަން ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމެކެވެ.
މީގެ ތެރެއިންވެސް އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ އެމްޓީސީސީގެ މައްސަލައެވެ. އެމްޓީސީސީއަކީ ހަމައެކަނި ސަރުކާރުގެ ކުންފުންޏެއް ނޫނެވެ. އެއީ ރާއްޖޭގެ އެތައް ސަތޭކަ އާންމު ރައްޔިތުންނެއްގެ ހިއްސާ އޮންނަ، ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ. ދަރަނި ބޮޑު އާރުޑީސީގެ ހުރިހާ ލައިބިލިޓީއެއް އެމްޓީސީސީގެ ބޮލުގައި އެޅުމުން، ކުންފުނީގެ ފައިދާ ދަށްވެ، ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް ކުޑަވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ވެއްޓިގެންދިއުމުގެ ބިރު އެބައޮތެވެ. މިއީ އާންމު ހިއްސާދާރުންނަށް ލިބޭނެ ވަރަށް ބޮޑު މާލީ ގެއްލުމެކެވެ.
ފާއިތުވި މާޒީގެ 2 އަހަރަށް ބަލާއިރުވެސް މާލީ ހިސާބުތައް ބަރާބަރާށް ޚާއްޞަކޮށް އާރުޑީސީގެ މާލީ ހިސާމުތަކާއި އޮޑިޓް ރިޕޯޓް ތަކާއި ޕާފޯމަންސް ރިޕޯޓްތައް އާއްމު ނުކޮށް މިފަދަ ބޮޑަތި ބަދަލުތައް ގެނައުމަކީ ގަސްތުގައި އާއި އެނގުމާއި ނޭނގުމުގެ ތެރެއިން ހިންގާފައިވާ އެތައް ނުރަނގަޅު ކަންތައްތަކަކަށް ފަސް އެޅި ފޮރުވިގެން ދާނެ ކަންކަމެވެ. އެހެންކަމުން މިނިވަން އޮޑިޓްފާމަކުން އޮޑިކޮށްފައި މެނުވީ މިދެކުންފުނި އުވާލާ މަތިޖެހުމަކީ މިދެކުންފުނީގެ ނުރަނގަޅު އެތައް މުޢާމަލާތަކާއި ކޮރަޕްޝަން ތަކުގައި މަތިޖަހާ ފޮރުވުމެވެ.
ފެނަކަ އާއި އާރުޑީސީ، ސްޓެލްކޯ އަދި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަކީ ކަރުދާހުގައި ރަނގަޅު ޚިޔާލަކަށް ވިޔަސް، އަމަލީ ގޮތުން މިއީ އިންތިހާ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. މުވައްޒަފުންގެ ބޮޑު އަދަދާއި، ބޮޑެތި ދަރަނިތަކުގެ ސަބަބުން ސްޓެލްކޯ އާއި އެމްޓީސީސީގެ ހަމަޖެހުން ގެއްލިދާނެއެވެ. ޚާއްޞަކޮށް އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، މި ނިންމުންތައް ތަންފީޒުކުރުމުގެ ކުރިން ވަރަށް ފުންކޮށް ދިރާސާކޮށް، މާލީ ގޮތުން ރައްކާތެރި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ނޫންނަމަ، ރަނގަޅު ކުރަން އުޅުނު ކަމަކުން މުޅި ނިޒާމު އިނދަޖެހިގެން ހިނގައިދާނެއެވެ.