'ސްޕަރބްރޭންޑްސް' ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކޮށްފި



ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަޤައުމުތަކެއްގައި އެންމެ މަޤުބޫލު، އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުބޮޑު ބްރޭންޑްތައް ދެނެގަނެ، އެ ބްރޭންޑްތައް މިންކުރާ ބައިނަލްއަޤްވާމީ ޕްލެޓްފޯރމް "ސްޕަރބްރޭންޑްސް" ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.
މާލޭގެ މަންހަޓަޏް ބިޒިނަސް ހޮޓެލްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި "ސްޕަރބްރޭންޑސް މޯލްޑިވްސް" އިފްތިތާހު ކޮށްދެއްވީ ދައުލަތުގެ އެކިއެކި މަޤާމުތައް އަދާކޮށްދެއްވާފައިވާ އަލްފާޟިލް ޢަލީ ހުސެން ދީދީ (އަލްދީ) އެވެ.
ސްޕަރބްރޭންޑްސް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެން ދީދީ ވިދާޅުވީ ސްޕަރބޮރޭންޑްސްގެ ސަބަބުން، މަޝްހޫރު މޮޅު ބްރޭންޑްތައް ދެނެގަނެވުމުގެ އިތުރުން، ތަކެއްޗާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން މުހިންމުވެ، ފެންވަރު ހިފެހެއްޓުމަށް އީޖާދީހައްލުތައް ނެރުމަށް އާދަވެ، އިތުބާރަކީ މުއާމަލާތުގެ މުގުލަކަށް ވެގެންދާނެ ކަމަށެވެ.
މީގެ 32 އަހަރު ކުރިން ލަންޑަންގައި ތައާރަފުކުރެވުނު ސްޕަރބްރޭންޑްސް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރިތަކުގެ މަޤްބޫލުކަމާއި، ކޮލިޓީ އަދި އިތުބާރާއި އަގު މަތީ ފެންވަރެއްގައި ހިފެހެއްޓުމަށް މަގުފަހިކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ. މިހާރު ދުނިޔޭގެ 90 އަށް ވުރެ ގިނަ ޤައުމުގައި އެފިލިއޭޓްވެ، ޙަރަކާތްތެރިވަމުން އަންނަ ސްޕަރބްރޭންޑްސްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުގެ ބްރޭންޑް ވެލިއު އިތުރުކުރުމާއި، ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އަދި ނުފޫޒުގަދަ އެތައް ބްރޭންޑަކަށް މިހާތަނަށް ވަނީ ސްޕަރބްރޭންޑްސްގެ ދަރަޖަ ދެވިފައެވެ.
ސްޕަރބްރޭންޑްސް މޯލްޑިވްސްގެ ޗެއަރމަނަކީ، އެ ޕްރޮގޮރާމް ރާއްޖޭގައި ހިންގާ ކުންފުނި ޓްރާންސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބްދުﷲ މައުޞޫމް އެވެ. ރަސްމިއްޔާތުގައި ޑރ. މައުޞޫމް ދެއްކެވި ވާހަކައިގާ ރާއްޖޭގައި ސްޕަރބްރޭންޑްސް ތަޢާރަފްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށާއި ޚިދުމަތްދޭ ތަންތަނަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ފައިތިލަ ސާބިތުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުޞަތެއްކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތަކާއި ޚިދުމަތްތަކުގެ ފެންވަރު ދުނިޔޭގެ މިންގަނޑުތަކަށް ހިފެހެއްޓުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ސްޕާބްރޭންޑް މޯލްޑިވްގެފަރާތުން ބްރޭންޑް ތައް މިންކުރުމަށްޓަކާ އުފައްދާފައިވާ 15 މެމްބަރުންގެ ތަޖުރިބާކާރު ކައުނސިލްވެސް މިރަސްމިއްޔާތުގައި ތައާރަފުކުރިއެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ތަފާތުވިޔަފާރިތަކުގެ އިސް ފަރާތްތަކާއި އިގުތިސޯދީ އަދި ފަންނީ މާހިރުންނާއި ސްޕަރބްރޭންޑްސް ގެ ރީޖަނަލް ކޯޑިނޭޓަރ ޝަރަފުލް އިސްލާމް ސްޕަރބްރޭންޑްސް އާގުޅޭ ތައާރަފު ޕްރެސްންޓޭޝަނެއް ހުށައަޅުއްވާ ދެއްވިއެވެ.