Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ސޯޝަލް މީޑިއާ މަނާކުރުމުގެ ވިސްނުމެއް ނެތް؛ ހަމައެކަނި ބޭނުމަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުން: މިނިސްޓަރު އިހުސާން

ސޯޝަލް މީޑިއާ މަނާކުރުމުގެ ވިސްނުމެއް ނެތް؛ ހަމައެކަނި ބޭނުމަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުން: މިނިސްޓަރު އިހުސާން
Photo: President's Office
ތަފްޞީލް

އިތުރު އެއްވެސް ބަޔަކަށް ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް މަނާކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށާއި، މިކަމުގައި ސަރުކާރުގެ ހަމައެކަނި އަމާޒަކީ ކުޑަކުދިންނަށް އޮންލައިންކޮށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް މަނާކުރުމާ ގުޅޭ ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

Photo: Lenonine FOCUS


މި މަސައްކަތުގެ ފަހަތުގައި އޮތީ އެންމެ މަގުސަދެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ހިފެހެއްޓުމުގެ ނުވަތަ އާންމުން އޮންލައިންކޮށް ހަރަކާތްތެރިވާ ގޮތަށް އެއްވެސް ނުފޫޒެއް ފޯރުވުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.


"މިހާރު ކުރިއަށްދާ މި މަސައްކަތުގައި އަޅުގަނޑުމެންގެ ސައްތައިން ސައްތަ ނިޔަތަކީ، ކުޑަކުދިން ރައްކާތެރި މާހައުލެއްގައި ތިބެގެން ޑިޖިޓަލް ވެށީގައި ހަރަކާތްތެރިވެވޭނެ ގޮތެއް ކަށަވަރުކުރުން. އޭގެ ތެރޭގައި ސޯޝަލް މީޑިއާގެ ނުރައްކާތެރި ބައެއް ކަންކަމުން އެ ކުދިން ރައްކާތެރިކުރެވޭނެ ގޮތްތައް ވެސް ހިމެނޭ. އަޅުގަނޑުމެން މި ހޯދަނީ އެ ފަދަ ހައްލެއް،" މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުޑަކުދިން އަމިއްލަ ނަފްސަށް ގެއްލުންދިނުން (ސެލްފް-ހާމް) ފަދަ ނުރައްކާތެރި ހާދިސާތައް ރާއްޖެއިން ވެސް ދަނީ ފެންނަމުންނެވެ. އެހެންކަމުން، ބުލީކުރުމާއި އެކި ކަހަލަ ނާޖާއިޒު ފައިދާތައް ނެގުން ފަދަ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކޮށް، ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.


ދުނިޔޭގެ ބައެއް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޮސްޓްރޭލިއާ އާއި ނޯވޭގައި އެކަން ތަންފީޒުކޮށްފައިވާއިރު، އިނގިރޭސިވިލާތުގައި ވެސް އެކަމާ ގުޅޭ ފުޅާ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.


ރާއްޖޭގެ ފަންނީ ޓީމުން ވެސް ލަފާދީފައިވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ. މީގެ އިތުރުން، ރާއްޖެ އިތުރަށް ޑިޖިޓަލްވަމުންދާއިރު، އީ-ފާސް މެދުވެރިކޮށް ތައުލީމާއި ސިއްހީ މައުލޫމާތު އަދި އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ނޭދެވޭ ކޮންޓެންޓް ކުޑަކުދިންނަށް ނުފެންނާނެ ފަދަ ފަންނީ ހައްލުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ހަމައެއާއެކު، ސޯޝަލް މީޑިއާ މަނާކުރި ނަމަވެސް ވީޕީއެން (VPN) ފަދަ އެޕްތައް ބޭނުންކޮށްގެން އެ ޕްލެޓްފޯމްތަކަށް ވަންނާތީ، ބައެއް ގައުމުތަކުން އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ސޯޝަލް މީޑިއާ މަނާކުރާއިރު އެ ހުރިހާ ކަމަކަށް ވެސް ރިއާޔަތްކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all