Saudi defense forces intercept and destroy Houthi missile attacks targeting Saudi Arabia and Aden in mid-air!
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސަޢޫދީ އަރަބިއްޔާގެ ބައެއް ސިޓީތަކަށާއި ޔަމަނުގެ ދެކުނުގައިވާ އޭޑެންއަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއް ސާޢޫދީގެ ވައިގެ ދިފާޢީ ބާރުތަކުން ކާމިޔާބުކަމާއެކު ވައިގެ ތެރެއަށް ނައްތާލައިފިއެވެ.
ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޫޘީން ވަނީ ސާޢޫދީގެ ރިޔާޟް، މައްކާ އަދި ޔަންބޫގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި އެއާޕޯޓުތަކަށް އަމާޒުކޮށް މިސައިލް ފޮނުވާލާފައެވެ. މީގެ އިތުރުން ޔަމަނުގެ ސަރުކާރުގެ ވަގުތީ ވެރިކަން ކުރާ އޭޑެންގެ އެއާޕޯޓާއި އަސްކަރީ މަރުކަޒުތަކަށްވެސް ޙަމަލާތަކެއް ދީފައިވެއެވެ.

މި ޙަމަލާތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މީޑިއާތަކުން (އަލްޖަޒީރާ، އޭއެފްޕީ އަދި ރޮއިޓާސް) ރިޕޯޓުކޮށްފައިވާ އިތުރު ތަފްޞީލުތަކަށް ބަލާއިރު، ހޫޘީންގެ މި ޙަމަލާތައް އަމާޒުކުރީ ސާޢޫދީގެ ދިފާޢީ ވަސީލަތްތަކަށާއި އޭޑެންގެ ކޯސްޓްގާޑް ހެޑްކުއާޓަރާއި އެއާޕޯޓަށް ކަމަށްވިނަމަވެސް، ސަޢޫދީން ދިން ރައްދު ޙަމަލާތަކުގައި ޔަމަނުގެ ސަންޢާ އަދި ޙުދައިދާއިން 17 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހޫޘީންގެ މީޑިއާތަކުން ބުނެއެވެ. މީގެ އިތުރުން ސާޢޫދީގެ މައްކާއާއި މަދީނާއަށް އަމާޒުކޮށް ޙަމަލާދިން ކަމަށް ސާޢޫދީ ސިވިލް ޑިފެންސުން ބުނި ބުނުން ހޫޘީން ދޮގުކޮށްފައިވާއިރު، މި ޙަމަލާތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިޑްލް އީސްޓްގެ ޤައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެދި ދަތުރުފަތުރާ ބެހޭ އިންޒާރުތައް އާންމުކޮށްފައެވެ.
ސާޢޫދީ ސިވިލް ޑިފެންސުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެމީހުންގެ ދިފާޢީ ނިޒާމުން މިސައިލްތައް ވައިގެ ތެރެއަށް ގޮއްވާލުމާ ގުޅިގެން ޖައްދާއާއި ޠާއިފް ފަދަ ސަރަޙައްދުތަކަށް މިސައިލްގެ އެތިކޮޅުތައް ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ޙަމަލާތަކާ ގުޅިގެން ޖީސީސީއާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ޢާންމުންނާއި އިޤްތިޞާދީ ވަސީލަތްތަކަށް އަމާޒުކޮށް ހޫޘީން ދޭ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
