ރީލް ހެދުމުގެ ފޯރީގައި ދަރިފުޅު ރާޅާއެކު ދަމައިގަތުމުންވެސް އަޅާނުލި ދެމަފިރިއަކަށް އާންމުންގެ ބޮޑު ނުރުހުމެއް!

ގޮނޑުދޮށުގައި ސޯޝަލް މީޑިއާ ރީލެއް ރެކޯޑުކުރުމުގެ ފޯރީގައި ތިބެ، ތުއްތު ދަރިފުޅު ކަނޑުގެ ރާޅުތަކުގެ ތެރެއަށް ވެއްޓި ދަމައިގަތުމުންވެސް އަޅާނުލައި ކެމެރާއަށް ޕޯޒްކުރަން ތިބި ދެމަފިރިއެއްގެ ވީޑިއޯ އާންމުވެ، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމާއި ނުރުހުން އަމާޒުވެއްޖެއެވެ.
އިންޓަނެޓުގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ދެމަފިރިއަކު ސެލްފީ ސްޓިކެއް ބޭނުންކޮށްގެން އަމިއްލައަށް ވީޑިއޯ ނަގަމުން ގޮނޑުދޮށުގައި ހިނގަމުން ދިޔައެވެ. އެވަގުތު އެމީހުންގެ ތުއްތު އަންހެން ދަރިފުޅު އަތުން ދޫވެ، ބީއްސަމުންދިޔަ ރާޅުތަކުގެ ތެރެއަށް ވެއްޓި، ފެންގަނޑުގެ ތެރޭގައި އެނބުރެން ފެށިއެވެ. ނަމަވެސް، ކުއްޖާ ވެއްޓުމުންވެސް އެ ދެމަފިރިން ދަރިފުޅު ނެގުމުގެ ބަދަލުގައި، އަޅާނުލައި ކެމެރާއަށް ހިނިތުންވެ ޕޯޒްކުރުން ކުރިއަށް ދިޔައެވެ. މި ހާދިސާގައި ކުއްޖާ ސަލާމަތްކޮށްފައިވަނީ، އެ ސަރަހައްދުން ދިޔަ އެހެން އާންމު ފަރާތަކުން އަވަހަށް ދުވެފައި ގޮސް ފެނުގެ ތެރެއިން އެ ކުއްޖާ ނަގައިގެންނެވެ.
आज Husband के साथ समुन्द्र पर घूमने गई थी जहाँ हमने देखा एक पति पत्नी Reel बनाने में इतने मगन थे अपनी बच्ची को पानी में ही छोड़ दिया। बच्ची समुन्द्र की लहरों में बहने से बच गई एक भय्या ने ध्यान दिया और बचा लिया। क्या अब Reel बाजी लोगों के लिए इतनी जरूरी हो गई है अपने बच्चों... Real news
— 𝗠𝗮𝗿𝗶𝘆𝗮𝗺_𝗠𝗕𝗗 (@Mariyam_MBD) October 19, 2026
މި ވީޑިއޯ 'އެކްސް' (X) ގައި ހިއްސާކުރި މަރިޔަމް ކިޔާ އަންހެނަކު ބުނެފައިވާ ގޮތުގައި، މި މަންޒަރު އޭނާއަށް ފެނުނީ ފިރިމީހާއާއެކު ގޮނޑުދޮށަށް ގޮސް އުޅުނު ވަގުތުއެވެ. އަދި ސޯޝަލް މީޑިއާއަށް ދެވިހިފާފައިވާ މިންވަރުން އަމިއްލަ ދަރިންގެ ސަލާމަތަށް އިހުމާލުވާ ހިސާބަށް ކަންކަން ގޮސްފައިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހާދިސާ ހިނގި ސީދާ ތަނެއް އަދި ވީޑިއޯއިން ފެންނަ މީހުންނަކީ ކޮން ބައެއްކަން ބައިނަލްއަގުވާމީ ނޫސްތަކުން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އިންޓަނެޓުގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ "ލައިކް" އާއި "ވިއުސް" އަށްވުރެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ގޮވާލައި، އެ ދެމަފިރިންގެ ޒިންމާދާރުކަން ކުޑަކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.