ރަސްމާލޭ މަޝްރޫއާ 95 އިންސައްތަ ރައްޔިތުން ދެކޮޅު: ރައީސް ޔާމީން
ރަސްމާލެ މަޝްރޫއު އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގެންގުޅުއްވާ ވިސްނުމާ މެދު ދިވެހި ރައްޔިތުންގެ 95 އިންސައްތައަށް ވުރެ ގިނަ މީހުން ދެކޮޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރަސްމާލެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް ކަމަށް ސިފަކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމާލެ ބިމުގައި ބޭރު މީހުން ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ދޭން އުޅޭ ފްރީހޯލްޑަކީ 99 އަހަރުން އަނެއްކާވެސް 99 އަހަރަށް ދެމިގެންދާ ގޮތަށް ބޭރު މީހުން ދާއިމީކޮށް ވަޒަންވެރިކުރުވުމުގެ އަމާޒުގައި ހިންގާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރަސްމާލެ ބިން ދިނުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވެސް ސަރުކާރުން ޖެހިލުންވާ ކަމަށާއި، އެފަދަ ވޯޓަކަށް ގޮސްފިނަމަ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމުގައި 2015 ވަނަ އަހަރު ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެއީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ކުރި ކަމެއް ކަމަށާއި އޭގެ ސަބަބުން އަހަރަކު 10 ރިސޯޓު ހުޅުވި އިންވެސްޓްމަންޓް ފުރުސަތުތައް ފަހިވެގެން ދިޔަ ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގައި ބޭރު މީހުން ވަޒަންވެރިކުރުވުމަށް ކުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަނދާންކޮށް ދެއްވަމުން ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި ނުބައި ކަމެއް ރައީސް މުއިއްޒަށް ރަނގަޅުކޮށްދޭން މަސައްކަތް ކުރި ނަމަވެސް އެކަން އޮންނާނީ ނުބައިކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، މަޖިލީހުގައި "ޖަހާ ސަކަރާތް ހުއްޓާލުމަށް" ޔާމީން ވަނީ ގޮވާލައްވާފައެވެ.
