ރަސްމާލެ މަސްރޫޢުގެ އަމަލީ އެއްބަސްވުމުގައި ޖުމްހޫރީދުވަހު ސޮއިކުރަނީ
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ޖުމްހޫރީ ދުވަހު ( ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ) ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް، އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހަކަށް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އަލްޢައްބާރު ވިދާޅުވި ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާއެކު ސޮއިކުރީ މަޝްރޫއުގެ ވިޔަފާރީގެ މައިގަނޑު އުސޫލުތައް އެކުލެވޭ ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައެވެ.
ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަލްޢައްބާރު ވިދާޅުވި ގޮތުގައި ފަހު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އަމަލީ މަސައްކަތް ފެށުމަށް ގާތްގަނޑަކަށް އެއް އަހަރު ދުވަސް ނަގާނެއެވެ.
"ޖުމްހޫރީ ދުވަހު ސޮއިކުރެވޭނެ ކަމަށް އުންމީދުކުރަން،" ފަހުގެ އެއްބަސްވުމަށް އިޝާރާތްކުރައްވައި އަލްޢައްބާރު ވިދާޅުވިއެވެ.
އަމަލީ މަސައްކަތް ފެށުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭކަން އަލްޢައްބާރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ތަފްސީލީ ޑިޒައިންތައް ހެދުމާއި، ތިމާވެށީގެ ދިރާސާތައް ކުރުމާއި، ޓެންޑާ ޑޮކިއުމަންޓްތައް ތައްޔާރުކޮށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުން ހިމެނެއެވެ. މި ކަންކަމަށް އާންމުކޮށް 12 މަސް ދުވަސް ނެގި ނަމަވެސް، އެ މުއްދަތު ކުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހު އެއްބަސްވުން އަދި އާންމުކޮށްފައި ނުވަނީ އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ ކަމަށާއި، އެ މަސައްކަތް ނިމުމުން އާންމުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އަލްޢައްބާރު ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައަކީ 99 އަހަރަށް ރަސްމާލެ ދޫކޮށްލުމެއް ނޫނެވެ.
މައްސަލައަކީ އެރަށުގައި ތަރައްގީކުރާ ވޯޓާފުރަންޓް ލަގްޒަރީ އެޕާޓްމަންޓްތައް ދުނިޔޭގެ ކޮންމެ ގައުމެއްގެ ބަޔަކަށްވެސް އެތަނުގެ މިލްކުވެރިންނަށް ވެވޭގޮތަށް އޮތުމާއި އެފަދަ މީހުންނަށްވެސް އަނެއްކާ 99 އަހަރުގެ މުއްދަތައް އެތަންތަން ލިބިގެން ދިއުމެވެ. މިއީ ދިވެހި ގައުމުގެ ބިމުން ބޭރުބަޔަކަށް ތާއަބަދަށް ޖާގަދީ ދިވެހިންގެ ހަމަޖެހުމާއި ސުލްހަވެރިކަމަށް މުސްތަގުބަލުގައި އެޅިގެންދާ ވަރަށްބޮޑު ހުރަހެއްކަމަށް ގިނަ ރައްޔިތުންގެ ޚިޔާލުތަކުން ތަސައްވުރު ކުރެވިގެން ދިޔައެވެ.
ކަންމިހެން ހުރިނަމަވެސް ސަރުކާރުން އަމާޒު ހިފާފައިހުރީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ކުއްޔަށް ދޫކޮށްލުމެވެ. އެއީ ރާއްޖޭގެ ތަރައްގީއަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ސިފަކޮށް ރައީސް މުއިއްޒުއާއި އެމަނިކުފާނަށް ވާގިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުޅިސަރުކާރުން އަޑުހަރުކޮށް ގޮވަމުން ދެއެވެ. ނަމަވެސް ރާއްޖޭގައި ތިއްބެވި ތަންދޮރު ދަންނަ ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭބޭފުޅުންގެ ކަންބޮޑުވުން ފާޅުކުރައްވާއިރު ސަރުކާރުން އެއަށް ދެވޭނެ ސިދާވެސް ނުސީދާވެސް ރައްދެއް ނެތެވެ.
