ރަޝިއާގެ ޑްރޯން ހަމަލާތަކަކާއެކު ޔޫކްރޭންގެ ހަކަތައިގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ލައްކައިން މީހުން ކަރަންޓުން މަހްރޫމްވެއްޖެ!
ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ރަޝިއާއިން ދިން ޑްރޯން ހަމަލާތަކެއްގައި އާންމުންގެ އެތައް ބަޔަކު މަރުވެ، ހަކަތަ ފޯރުކޮށްދޭ މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ޔޫކްރޭންގެ ހުޅަނގުގެ ވޮލިން (Volyn) ސަރަހައްދުގެ ގަވަރނަރު ރޯމަން ރޮމާނިއުކް ވިދާޅުވި ގޮތުގައި، އެ ސަރަހައްދަށް ދިން ހަމަލާތަކުގައި އެކަނިވެސް 370،000 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިޔައެވެ. މީގެ އިތުރުން ހުޅަނގުގެ ރިވްނޭ އާއި، ޚާރްކީވް އަދި ވެރިރަށް ކިއޭވް ގެ ހަކަތައިގެ ނިޒާމަށް ލިބުނު ގެއްލުންތަކާއެކު މުޅި ގައުމުން 1 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަގުތީގޮތުން ކަރަންޓު ކެނޑުނު ކަމަށް ޔޫކްރޭންގެ އެނަރޖީ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މި ހަމަލާތަކުގައި މަދުވެގެން 6 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ވިޔަފާރި ކަންކަމުގައި ބޭނުންކުރާ އިމާރާތްތަކަށާއި މުދާ އުފުލާ ޓްރަކްތަކަށްވެސް ވަނީ އަލިފާނުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޔޫކްރޭންގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި، ކަރަންޓު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކޮށް، ގިނަ ސަރަހައްދުތަކަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ހަމަލާތަކާ ގުޅިގެން ނޭޓޯ (NATO) ގެ އަސްކަރީ އިއްތިހާދުގެ މެމްބަރު ގައުމެއްކަމަށްވާ ޕޯލަންޑުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި ޖެޓް ފައިޓަރުތައްވެސް ވައިގެ ތެރެއަށް ނެރެ ކަނޑައެޅިގެން ފެތުރިފައިވާ ނުރައްކަލަށް ތައްޔާރުވެފައެވެ.
