ރަކީދޫ ފަޅުކުރަން ކައުންސިލް ދެކޮޅު: އަމާޒަކީ ބިން ހިއްކައި ޓޫރިޒަމާއެކު ރަށް އާބާދުކުރުން
އާބާދީގައި އެންމެ 67 މީހުން ދިރިއުޅޭ ވ. ރަކީދޫން ދޫކޮށްފައިވާ ގިނަ ގޯތިތަކެއް ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް ކުއްޔަށް ދީފައިވާއިރު، އޭގެ ތެރެއިން ބައެއް ގޯތިތައް ވަނީ ވިއްކާލާފަ އެވެ. މީގެ އިތުރުން، އެ ރަށުގެ ޒުވާނަކު މިހާރު ވެސް އަންނަނީ 18 ކޮޓަރީގެ ގެސްޓް ހައުސްއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަމަހިމޭންކަމާއި ފަޅުކަމެއްގައި އޮތް ރަކީދޫއަށް ޓޫރިޒަމްގެ މި އިންވެސްޓްމެންޓްތަކަކީ އާ އުއްމީދަކަށް ވިޔަސް، ދޭތެރެދޭތެރެއިން ދެކެވޭ އެ ރަށް ފަޅުކުރުމުގެ ވާހަކަތަކުގެ ސަބަބުން އިންވެސްޓަރުން ތިބީ ރަށަށް އަންނަން ފަސްޖެހިފަ އެވެ.
ރަށް ފަޅުކުރުމުގެ ބަހުސް އަލުން ހޫނުވީ، ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަކީދޫ ރައްޔިތުން އެދޭ ނަމަ މާލެ ކައިރި ސަރަހައްދަކަށް އެ މީހުން ބަދަލުކުރުމަށް ސަރުކާރު އޮތީ ތައްޔާރަށެވެ. ނަމަވެސް އެކަން ކުރިއަށް ނުދަނީ ހުރިހާ ރައްޔިތުންގެ އިއްތިފާގު ނެތުމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަކީދޫއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުމުގައި، އެ ރަށުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ކ. ތުލުސްދޫ ނުވަތަ މާލެ ސަރަހައްދުގެ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އެހެންނަމަވެސް، ރަށް ދޫކޮށް ދާން ބޭނުންނުވާ މީހުން ވެސް އެ ބައްދަލުވުމުގައި ރައީސަށް އެކަން ހުށަހެޅި އެވެ.
ސަރުކާރުން މީހުން ބަދަލުކުރުމުގެ ވާހަކަ ފެށި ނަމަވެސް، ރަކީދޫ ކައުންސިލާއި ރަށުން ބޭރުގައި އުޅޭ ޒުވާނުންގެ ބޮޑު އާބާދީއެއް އޮތީ ރަށް ފަޅުކުރުމާ މުޅިން ދެކޮޅަށެވެ.
ރަކީދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒަމީރު ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ފުރިހަމަ އަގުލަބިއްޔަތު ރައްޔިތުން ދިނީ ވެސް ރަށް ފަޅުކުރުމުގެ ބަދަލުގައި ރަކީދޫ އަލުން ކޮޅަށް ޖަހައި ތަރައްގީ ކުރުމަށެވެ. އަދި ރަށުން ފައިބަން ބޭނުންވާ މަދު ބަޔަކު ތިބި ނަމަވެސް، ރައްޔިތުންގެ ބޮޑު މެޖޯރިޓީ އޮތީ ރަށުގައި ތިބެގެން ތަރައްގީ ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށް ތަރައްގީ ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ޒަމީރު ވިދާޅުވީ، ރަށުގައި ބިމުގެ ދަތިކަން އޮތުމުން ފަޅު ހިއްކައިގެން 9.24 ހެކްޓަރުގެ ބިން އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މަޝްރޫއު ހިންގާނެ ފަރާތެއް މިހާރު ހޯދިފައިވާ ކަމަށާއި، ބިން ހިއްކާނެ ބަޔަކު ލިބިއްޖެ ނަމަ ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު ލޭންޑްޔޫސް ޕްލޭން އެކުލަވާލަމުންދާއިރު، ކައުންސިލްގެ ވިސްނުމަކީ ހިއްކާ ބިމުގެ ބީޗް ފްރޮންޓް ސަރަހައްދު ލޯކަލް ޓޫރިޒަމަށް ހާއްސަކޮށް، އަނެއް ބައިން ގޯތި ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ޒުވާނުންނަށް ގޯތި ދޫކުރުމެވެ. ޒަމީރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ކުއްޔަށް އުޅުމުގެ ބަދަލުގައި، ރަށުން އާމްދަނީ ލިބޭނެ މަގު ތަނަވަސްވުމުން ޒުވާނުން ތިބީ ރަށަށް އެނބުރި އަންނަން ތައްޔާރަށެވެ. އަދި ރަށުގެ ސްކޫލުގައި އަލުން ކިޔަވައިދޭން ފެށޭނީ ވެސް ޓޫރިޒަމް ކުރިއަރުވައި، ޒުވާން އާއިލާތައް ރަށަށް ބަދަލުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކައުންސިލުން ވަނީ ރަކީދޫގައި އިމާރާތްތައް ފަސް ބުރިއަށް ނެގުމުގެ ހުއްދަ ވެސް ދީފަ އެވެ. މީގެ އިތުރުން ފަހަކަށް އައިސް ދެ ގެއެއްގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދީފައިވާއިރު، އިތުރު ދެ ގެއެއްގެ ހުއްދައަށް އެދި މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިން ރަކީދޫގައި ހުރި ގެސްޓް ހައުސް ކޮޓަރިތައް އޮތީ އެއްކޮށް ފުލްވެފައިކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، ޓޫރިޒަމް ފައްކާވަމުން އަންނަ ރަށެއް ފަޅުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެންމެ ފަހު މީހާގެ ގޮތުގައި ވެސް ރަކީދޫގައި ހުންނަވާނެ ކަމަށާއި، ރަށުން މީހުން ބޭލުމަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
