9 ލައްކައަށްވުރެ ގިނަ ބޭރު ފައިސާ ކަސްޓަމްސް އިން ހިފެހެއްޓުން
ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ބޭރު ފައިސާ ކަސްޓަމްސްއިން އަތުލައިގެންފައިވަނީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ އިންޑިއާ ފަސިންޖަރެއްގެ އަތުންނެވެ. އެ މީހާ މަސައްކަތްކުރީ އެ ފައިސާ ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ބޭރުކުރުމަށެވެ.

މިދިޔަ މަހު ވެސް އެއާޕޯޓުން ފުރަން އުޅުނު ބަންގްލަދޭޝްގެ 6 މީހެއްގެ އަތުން 18 ގައުމެއްގެ ފައިސާ ހިމެނޭހެން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ (174,161 ޑޮލަރު، 56,760 ޔޫރޯ އަދި 1,815 ޕައުންޑް ހިމެނޭގޮތަށް) އަތުލައިގަނެ، އެ މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައިވެއެވެ.
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ހުއްދަ ނެތި ޑޮލަރު ވިއްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާއިރު، އެފަދަ ވިޔަފާރިކުރި ބިދޭސީންތަކެއް ވެސް ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ.
