ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް އަނެއްކާވެސް އިތުރު މުއްދަތެއް
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ބޭސްފިހާރަތަކުން އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސްފިހާރަތަކަށާއި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުންނަށް ބޭނުންވާ ބޭސްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އަދި މިގޮތަށް ކުރެވޭ މަސައްކަތުން، މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުން އަސާސީ ބޭސް ލިބޭނެގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު އަންނަނީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރުކުރުމަށާއި، އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައް ބޭސްކުންފުނި މެދުވެރިކޮށް ކުރަމުންކަމަށް ގީލާ ވިދާޅުވިއެވެ.
އަސާސީ ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން މިހާރު ވަނީ 1505 ގެ ނަމުގައި ހާއްސަ ހޮޓްލައިނެއް ތަޢާރަފުކޮށްފައެވެ. މިއީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ނަންބަރެކެވެ.
ދައުލަތުގެ ބޭސްކުންފުނިން ބުނެފައި ވަނީ، މި ހޮޓްލައިންގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުން ކަމަށެވެ.
އެގޮތުން ބޭސް ހޯދުމާއި އެކަމާ ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެ ކަމަށާއި، އެ ކުންފުނި މެދުވެރިކޮށް ބޭހަށް އޯޑަރު ކުރުމުން އެ ފަރާތްތަކާ އެންމެ ގާތުގައި ހުންނަ ފާމަސީއަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފަވެއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސަސީ ބޭސް ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރާތާ މިހާރު 2 އަހަރެއްހާ ދުވަސް ވެފައި ވާއިރުވެސް ސަރުކާރުން އުޅުއްވަނީ ބޭސް ހޯދުމުގެ އިންތިޒާމު ހަމަ ނުޖެއްސިގެންނެވެ. ރާއްޖެއަށް ދިމާވި ކޮވިޑްގެ ހާލަތުގައިވެސް އަދި އޭގެކުރިންވެސް ބޭސް ލިބުމަކަށް ދައްޗެއް ވެފައެއް ނެތެވެ.
މީގެކުރިން ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސް ޓީ އޯ މެދުވެރި ވެގެންނެވެ. ނަމަވެސް އެގޮތް ކަމުނުގޮސްގެން ބޭސް އެތެރެކުރުމަށް ސަރުކާރުގެ ވަކި ކުންފުންޏެއް އުފެއްދިއެވެ. ނަމަވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ހަގީގަތުގައި މިއުޅެނީ އެހެން މައްސަލައެކެވެ. އެއީ މިދާއިރާއިން ތަޖުރިބާ ލިބިފަ މީހުންނެތުމާއި ބޭރު ފައިސާގެ މައްސަލައެވެ.
