ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީ ޔާމީން ފައިސާ ހޯދުމަށް ހިންގި ކަމެއް – ޕީޖީ ވަކީލް
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ހިންގާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން ކަމަށާއި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީ ވެސް އެ މަނިކުފާނަށް ފައިސާ ހޯދުމަށް ހިންގި ކަމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ. މި ވާހަކަތައް ދައުލަތުން ފާހަގަކުރީ ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި މަނީ ލޯންޑަރ ކުރެއްވި ކަމަށް ބުނެ ކުރާ ދައުވާގެ ޚުލާސާ ބަޔާން އިއްވަމުންނެވެ.

ދައުލަތުގެ ވަކީލް އަޙްމަދު ޝަފީޢު ފާހަގަކުރެއްވި ގޮތުގައި މި ކަންކަން ހިންގުމުގައި ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައެވެ. އޭނާ ފާހަގަކުރި މައިގަނޑު ކަންކަމަކީ ޚިޔާނާތް ހިންގިކަން ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކޮރަޕްޝަން ހިންގާކަން އެނގިވަޑައިގަންނަވާ އިރުވެސް، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމަށާއި ފަހުން ނައިބު ރައީސް ކަމަށް އައްޔަންކުރެއްވުމާއި، ޓޫރިޒަމަށް ރަށްރަށް ކުއްޔަށް ދޫކުރުމުގެ ބާރު، ޓޫރިޒަމް ޕްރޮމޯޓްކުރަން އޮތް އެމްއެމްޕީއާރްސީގެ ދަށަށް ބަދަލުކުރުމާއި، ނައިބު ރައީސް ކަމަށް އަދީބު އައްޔަންކުރެއްވުމަށް ފަހުގައި ވެސް ޓޫރިޒަމް މިނިސްޓްރީގެ ޒިންމާތައް އޭނާއާ ހަވާލުކޮށްފައި ބޭއްވުން ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުން ބުނީ ފުއްގިރި ދުބާއީގެ ކުންފުންޏަކަށް 1.5 މިލިއަން ޑޮލަރަށް ކުއްޔަށް ދޫކުރީ، ރަސްމީ އަގުގެ ގޮތުގައި ހަތަރު ލައްކަ ޑޮލަރު ދައުލަތަށް ދެއްކުމަށްފަހު ބާކީ ބައި ޔާމީނާއި ޕީޕީއެމަށް ވެއްދުމަށް ރޭވި ރޭވުން ފަހުން ގާނޫނީ މައްސަލަތަކެއް ނުކުމެދާނެތީ އެ ކުންފުނިން ގަބޫލުނުވުމުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ހިންގި މި މައްސަލައިގައި ޔާމީނާ އެއް ހާލަތެއްގައި ހުރި އެހެން މީހަކު ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
