ގަދީމީ ފޮތްތަކުގެ ސަފުހާތަކުން 3,700 އަހަރުވީ ނުރައްކާތެރި ވައިރަހެއްގެ ޑީއެންއޭ ސައިންސްވެރިން ހޯދައިފި !
އަޔަރލޭންޑްގެ ޔުނިވަރސިޓީ ކޮލެޖް ޑަބްލިން (ޔޫސީޑީ) ގެ ދިރާސާވެރިން އިސްވެ ކުރިއަށްގެންދިޔަ ސައިންސީ ދިރާސާއަކުން، އިނގިރޭސިވިލާތުގެ އެންމެ ގަދީމީ ތާރީޚީ ލިޔުންތަކުގެ ތެރޭގައި ހިމެނޭ "ޔޯކް ގޮސްޕެލްސް" އާއި "ކޯޕަސް ގްލޯސަރީ" ފަދަ ފޮތްތަކުގެ ސަފުހާތަކުން ނުރައްކާތެރި "ޝީޕްޕޮކްސް" ވައިރަހުގެ ނިޝާންތައް ހޯދައިފިއެވެ.
ކަރުދާސް އާންމުވުމުގެ ކުރިން، އެ ޒަމާނުގައި ފޮތްތަކުގެ ސަފުހާތައް ތައްޔާރުކުރުމަށް ބޭނުންކޮށްފައިވަނީ ކަންބަޅިއާއި ބަކަރި އަދި ގެރީގެ ހަމުން ހަދާފައިވާ "ޕާޗްމަންޓް" ނުވަތަ ޚާއްސަ ހަމެވެ. ދިރާސާވެރިން ކަށަވަރުކޮށްދޭ ގޮތުގައި، އެ ފޮތްތައް ހެދުމަށް ބޭނުންކުރި ޖަނަވާރުތަކަކީ އެ ދުވަސްވަރު މި ބަލިޖެހިފައިވާ ތަކެއްޗެވެ.
މީގެއިތުރުން، 'ބްރޯންޒް އޭޖް' ގެ ކަންބަޅިތަކެއްގެ ދަތްޕިލާއިން ފެނުނު ޖީންތަކާއި، މި ފޮތްތަކުން ފެނުނު ޑީއެންއޭ އަޅާކިއުމުން އެނގުނު ގޮތުގައި، މިއީ މީގެ 3,700 އަހަރު ކުރިންސުރެ ބޮޑެތި ގެއްލުންތަކެއް ދެމުންއަންނަ ނުރައްކާތެރި ވައިރަހެކެވެ.
މި ދިރާސާގެ އިސް ދިރާސާވެރިއެއް ކަމަށްވާ ލުއިސް އެލްހޯޓް ވިދާޅުވި ގޮތުގައި، ގަދީމީ ލިޔުންތަކާއި ފޮތްތަކަކީ ހަމައެކަނި އިންސާނީ ތާރީޚާއި ސަގާފަތް ރައްކާކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެ ޒަމާނުގައި އުޅުނު ނުރައްކާތެރި ބަލިމަޑުކަންކަމުގެ ދިރުންހުރި ތާރީޚީ ރެކޯޑުތަކެކެވެ.
މިއަދާ ހަމައަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލިމަޑުކަން ފެތުރެމުންދާއިރު، ސައިންސްވެރިން ބުނަނީ މާޒީގެ ތެރެއިން ފެނުނު މި އަޖައިބުރުވަނިވި ހޯދުމުގެ ސަބަބުން، ވައިރަސްތައް ބަދަލުވަމުންދާ ގޮތް ދެނެގަނެ، މުސްތަޤުބަލުގައި އަންނާންހުރި ނުރައްކާތެރި ބަލިމަޑުކަންކަމުން ރައްކާތެރިވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
