ޕްރިންޓް ކާޑު އުވާލައި ތެލެސީމިއާ ޑިޖިޓަލް ކާޑު ތަޢާރަފުކޮށްފި.
މި ބަދަލާއެކު، ތެލެސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ 7 ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ދޫކުރަން ވަނީ ފަށާފައެވެ. ސައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިއުއާރު ކޯޑެއް ހިމެނޭ މި ކާޑު މެދުވެރިކޮށް، ތެލެސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު މަޢުލޫމާތާއި އިރުޝާދުތައް ފަސޭހައިން ބަލާލެވޭނެއެވެ. މި ވަގުތު މި ޑިޖިޓަލް ކާޑު ދޫކުރަމުންދަނީ ވަޓްސްއެޕް އަދި އީމެއިލް މެދުވެރިކޮށެވެ.
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ އެމްބީއެސްއިން ބުނި ގޮތުގައި، އެ އިދާރާއިން ދެމުންދާ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ސްކްރީނިންގް ނިޒާމު ހަރުދަނާކުރުމަށްޓަކައި، ތެލެސީމިއާގެ ތަފާތު 27 މިއުޓޭޝަނެއް ދެނެގަނެވޭނެ ޑީއެންއޭ ލެބޯޓަރީއެއް މިއަހަރުގެ ފެބްރުއަރީ 8 ގައި ވަނީ ހުޅުވާފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެފައިވާ ގޮތުގައި، މި ލެބުގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންތައް ރާއްޖޭގައި ތަހުލީލުކޮށް ނަތީޖާ ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ.
ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ބަލި ހުންނަ 546 މީހަކު އެ އެޖެންސީގައި ރަޖިސްޓްރީވެފައިވެއެވެ.