ނިދާ ގަޑި ބަދަލުކުރުމަކީ ހިތަށް ދެވޭ އަނިޔާއެއް: ހިތް ރައްކާތެރިކުރަން "އެއް ގަޑިއްގައި ނިދުން" މުހިންމީ ކީއްވެ؟
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ނިދުމުގެ މުހިންމުކަން އޮތީ ހަމައެކަނި ނިދާ ގަޑިއިރުގެ އަދަދުގެ މައްޗަށެވެ. ނަމަވެސް، ސައިންސްވެރިންގެ އެންމެ ފަހުގެ ބޮޑެތި ދިރާސާތަކުން މިވަނީ މުޅިން އާ ހަގީގަތެއް ހާމަކޮށްފައެވެ: "ނިދާ އަދަދަށްވުރެ، ކޮންމެ ރޭއަކުވެސް އެއް ގަޑިއަކަށް ނިދަން އާދަކުރުން (Consistency) ހިތުގެ ސިއްޙަތަށް މާ މުހިންމެވެ!"
އެމެރިކަން ހާޓް އެސޯސިއޭޝަން (AHA) އިން އާންމުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ނިދާ ގަޑިތައް އަބަދު ބަދަލުވާ މީހުންނަށް (Social Jetlag) ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު، ގަވާއިދުން އެއް ގަޑިއަކަށް ނިދާ މީހުންނަށްވުރެ 40 އިންސައްތަ އިތުރެވެ.
ނިދާ ގަޑި ގަވާއިދުން ހިފެހެއްޓުން މުހިންމުވާ 4 ސަބަބެއް:
- ހިތުގެ ހިނގުމާއި 'ބަޔޮލޮޖިކަލް ކްލޮކް' (Circadian Rhythm): އިންސާނާގެ ހަށިގަނޑުގައި ޤުދުރަތީ ގަޑިއެއް އޮވެއެވެ. ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދުމުން، ލޭގެ ޕްރެޝަރާއި ހިތުގެ ހިނގުން މަޑުޖެހި، ހިތަށް ބޭނުންވާ ފުރިހަމަ އަރާމު ލިބެއެވެ. ނަމަވެސް ނިދާ ގަޑި އަބަދު ބަދަލުވާނަމަ، މި ނިޒާމު ސީދާނުވެ، ހިތަށް ބޮޑު އެކްސްޓްރާ ސްޓްރެސެއް ދެއެވެ.
- ލޭގެ ޕްރެޝަރު ކޮންޓްރޯލްވުން: އަހަރެމެން ގަދަ ނިދީގައި ތިބޭއިރު، ލޭގެ ޕްރެޝަރު އާންމުކޮށް 10% އާއި 20% އާ ދެމެދުގެ މިންވަރަކަށް ދަށަށްދެއެވެ (Nocturnal Dipping). މިއީ ހިތުގެ ނާރުތަކަށް ލިބޭ ބޮޑު ލުޔެކެވެ. ނިދާ ގަޑި އެކި ރޭރޭ އެކި ގޮތަށް އުޅޭނަމަ، ލޭގެ ޕްރެޝަރު ދަށަށް ނުގޮސް، ނާރުތަކަށް ގެއްލުންވެއެވެ.
- ހަކުރުގެ މިންވަރާއި ސްޓްރެސް ހޯމޯން: އެއް ގަޑިއަކަށް ނުނިދުމުގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސް ހޯމޯން ކޯޓިސޯލް (Cortisol) އިތުރުވެ، ހަކުރު ކޮންޓްރޯލްކުރާ އިންސިއުލިންގެ މަސައްކަތަށް ބުރޫއަރައެވެ. މިއީ ފަލަވުމަށާއި ޓައިޕް-2 ހަކުރުބައްޔަށް މަގުފަހިވާ ކަމެކެވެ.
- ބަންދު ދުވަސްތަކުގެ 'ސޯޝަލް ޖެޓްލެގް': ބަންދު ދުވަސްތަކުގައި މާ ލަހުން ނިދައި، މާ ލަހުން ހޭލުމަކީ ހަށިގަނޑަށް އެހެން ޓައިމްޒޯނަކަށް ދަތުރުކުރުމުން ލިބޭ ފަދަ ސޮކެއްދޭ ކަމެކެވެ. މިއީ ހިތުގެ ސިއްހަތަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
ރަނގަޅު ނިދުމުގެ އާދައެއް އަށަގަންނުވާނީ ކިހިނެއް؟
- އެއް ގަޑިއެއް ކަނޑައެޅުން: ބަންދު ދުވަސްތައް ހިމެނޭ ގޮތަށް، ކޮންމެ ރޭކުވެސް އެއް ގަޑިއަކަށް ނިދައި، ހެނދުނު އެއް ގަޑިއަކަށް ހޭލާށެވެ.
- ފޯނާއި ސްކްރީންތައް ނިއްވާލުން: ނިދުމުގެ 30-60 މިނެޓު ކުރިން ފޯނު ބޭއްވުމުން މެލަޓޮނިން (Melatonin) ހޯމޯން އުފެދުން އަވަސްވެއެވެ.
- ކެފެއިން މަދުކުރުން: އިރުއޮއްސޭފަހުން ސައި ނުވަތަ ކޮފީ ބުއިން ހުއްޓާލާށެވެ.
(ޚުލާޞާއަކީ: ހިތުގެ ދުޅަހެޔޮކަމަށްޓަކައި ހަމައެކަނި ކެއުމަށް ބެލުމަކުން ނުނިމެއެވެ. ކޮންމެ ރޭކުވެސް ގަވާއިދުން އެއް ގަޑިއަކަށް ނިދަން އާދަކުރުމަކީ ތިބާގެ ހިތަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ!)
