ނަފްސާނީ ފަރުވާ ދިނުމަށް ހާއްސަ 'ރިވިއު ބޯޑެއް' އުފައްދަން ބިލެއް ހުށަހަޅައިފި؛ ބަލިމީހުންގެ މައުލޫމާތު ހާމަކުރުމުން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަނީ
ނަފްސާނީ ބަލީގެ އެކި ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ސިއްހީ ފަރުވާ ދިނުމުގެ ކަންކަން ހަރުދަނާކޮށް، އެކަމަށް ހާއްސަ ރިވިއު ބޯޑެއް އުފައްދަން ލާޒިމުކުރާ ނަފްސާނީ ފަރުވާގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން މަޖިލީހަށް ހުށަހެޅުއްވި މި ބިލު އެކުލަވާލާފައިވަނީ 17 ބާބެއްގެ މައްޗަށެވެ. މި ބިލުގައި، އެކި ހާލަތްތަކުގައި ތިބި ފަރާތްތަކަށް ނަފްސާނީ ފަރުވާ ފޯރުކޮށްދޭނެ އުސޫލުތަކާއި، ފަރުވާ ލިބޭ ފަރާތްތަކުގެ އިތުރުން އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމާ ގުޅޭ މާއްދާތައް ހިމެނެ އެވެ.
މި ބިލުން ގެންނަ އެންމެ މުހިންމު އެއް ބަދަލަކީ، ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ސިއްހީ ފަރުވާ ދިނުމުގެ ކަންކަން ބެލުމަށްޓަކައި 'މެންޓަލް ހެލްތު ރިވިއު ބޯޑު' ގެ ނަމުގައި ހާއްސަ ބޯޑެއް އުފެއްދުމެވެ. ފަރުވާއާ ގުޅޭ ހުށަހެޅުންތައް ދިރާސާކޮށް، ފަރުވާ ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ބާރު ލިބޭނީ މި ބޯޑަށެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި ބޯޑު އެކުލަވާލަން ޖެހެ އެވެ.
ރިވިއު ބޯޑުގެ އެކުލެވުމާއި ޒިންމާތައް
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ރިވިއު ބޯޑުގައި ތިބޭނީ:
- ސައިކޭޓްރިސްޓެއް
- ސައިކޮލޮޖިސްޓެއް
- ނަފްސާނީ ސިއްހަތުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްގެ މެންބަރެއް
- ސޯޝަލް ވޯކަރެއް
- އާންމުންގެ ތެރެއިން މެންބަރެއް
ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ފަރުވާ ދިނުމުގެ އަމުރު ނެރުމާއި، އެފަދަ މީހަކަށް ދެމުންދާ ފަރުވާއަށް ބަދަލު ގެނައުމަށް އެންގުމަކީ މި ބޯޑުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ބޯޑަށް ހުށަހަޅާ މައްސަލަތަކާ މެދު 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭއިރު، ބޯޑުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ޒާތީ މައުލޫމާތު ހާމަކުރުމުގެ އަދަބު
ގާނޫނުން ހުއްދަކުރާ ހާލަތްތަކުގައި، ތަންފީޒީ އިދާރާތަކަށާއި ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުން ފިޔަވައި، ނަފްސާނީ ފަރުވާ ހޯދާ މީހެއްގެ ޒާތީ މައުލޫމާތު އާންމުކޮށްފިނަމަ ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން، އެފަދަ އަމަލެއް ހިންގާ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ ހިދުމަތްދޭ ފަރާތެއް 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އޭގެ އިތުރުން، ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ފަރާތެއްގެ ލައިސެންސް ހިފެހެއްޓުމުގެ ބާރު އެލައިޑު ހެލްތު ކައުންސިލަށް ލިބިދެ އެވެ.
މަނާ ހަތަރު ބާވަތެއްގެ ފަރުވާ
ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ދިނުން މަނާ ހަތަރު ބާވަތެއްގެ ފަރުވާއެއް ވެސް މި ބިލުގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ:
- މަސަލް ރިލެކްސަންޓު އަދި އެނެސްތީޝިއާ ނުދީ ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ
- ކުޑަކުދިންނަށް ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ
- ކުޑަކުދިންނަށް ހަދާ ނިއުރޯސާޖަރީ
- ނަފްސާނީ ފަރުވާއެއްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ދަރިމައިނުވާ ގޮތް ހެދުން
ނަފްސާނީ ފަރުވާއަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ނަފްސާނީ މައްސަލަތައް ތަހައްމަލުކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކެވެ.
