ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކަށް އެހީތެރިވާ ސެންޓަރެއް ކުޅުދުއްފުށީ ގައި ހުޅުވައިފި
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ތަރައްގީކޮށް ގާއިމުކުރި ނަފުސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒެއް ހުޅުވައިފި އެވެ.
''މަނަސް ހަބު '' ގެނަމުގައި ކޮމިއުނިޓީ-ބޭސްޑް ނުވަތަ މުޖުތަމައާއި އިޖުތިމާއީ ހިދުމަތްތެރިންގެ އެހީތެރިކަމާ އެކު ހިންގާ މެންޓަލް ހެލްތު ސެންޓަރު ހުޅުވީ ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ހަބް ރަސްމީކޮށް ހުޅުވައިދެއްވީ، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ރަސްމިއްޔާތުގެ ހާއްސަ މެހެމާން އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ.
މިރަސްމިއްޔާތުގައި ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި
މި ހަބަކީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން، އެ ރަށުގައި ސިޓީ ކައުންސިލުން ކުރިން ގާއިމުކުރި ނޮލެޖް ސެންޓަރުގައި ތަރައްގީކުރި މަރުކަޒެކެވެ.
މި ހަބުގެ ހިދުމަތްތައް ކުރިއަށްދާނީ ސިޓީ ކައުންސިލްގެ ނޮލެޖު، ކަލްޗާ އެންޑް ވެލްބީން ޔުނިޓްގެ ބެލުމުގެ ދަށުންނެވެ.
މެންޓަލް ހެލްތު ސެންޓަރުގެ އިތުރުން ނޮލެޖް ސެންޓަރުގައި ޕަބްލިކް ލައިބްރަރީއަކާއި އިޖުތިމާއީ ހަރަކާތްތައް ހިންގޭނެ ޖާގަ ގާއިމުކޮށްފައިވޭ
މެންޓަލް ހެލްތު ސެންޓަރަކީ އުނގެނުމާއި ދުޅަހެޔޮ ސިއްހަތާއި އިޖުތިމާއީ އެކިއެކި ހަރަކާތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ނޮލެޖް ސެންޓަރުގެ މުހިންމު ގޮތްޕެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވޭ.
މަނަސް ހަބަކީ އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލަކާ ތަފާތުކޮށް، ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ހާއްސަ ހަބެއްކަމަށާއި، މިތަނުގެ މައިގަނޑު މަގުސަދަކީ ކޮންމެ ފަރުދަކަށް ވެސް ފަސޭހަކަމާއެކު ވާސިލުވެވޭނެ އަމާން މާހައުލެއްގައި މައުލޫމާތު ހިއްސާކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ސިޓީ ކައުންސިލުން ބުނޭ
