މެކްސިކޯގައި ތިން ސާފަރުން މެރި ތިން މީހަކަށް 158 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި!
2024 ވަނަ އަހަރު މެކްސިކޯއަށް ޗުއްޓީއަށް ގޮސް އުޅުނު އޮސްޓްރޭލިއާގެ ދެ ބޭންނާއި އެމެރިކާގެ ސާފަރަކު މަރާލި މައްސަލައިގައި ކުށްވެރިވި ތިން މީހުންގެ މައްޗަށް މެކްސިކޯގެ ކޯޓަކުން 158 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އޮސްޓްރޭލިއާގެ ދެ ބެއިން ކަމަށްވާ ޖޭކް ރޮބިންސަން (33 އަހަރު) އާއި ކެލަމް ރޮބިންސަން (30 އަހަރު) އަދި އެމީހުންގެ އެކުވެރި އެމެރިކާގެ ޖެކް ކާޓާ ރޯޑް (30 އަހަރު) އެވެ. މި ތިން މީހުން މެކްސިކޯގެ ބާހާ ކެލިފޯނިއާގެ ގުދުރަތީ ރީތި ގޮނޑުދޮށެއްގައި ކޭމްޕްކޮށްގެން ސާފްކުރަން ތިއްބައި ހަމަލާދީ މަރާލާފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
ކޯޓުގެ ނިންމުމުގައިވާ ގޮތުން، "އެލް ކެކަސް" ގެ ނަމުން މަޝްހޫރު ޚެސޫސް ޚެރާޑޯ އާއި އޭނާއަށް އެހީތެރިވި އިރިނެއޯ ފްރެންސިސްކޯ އަދި އޭންޖެލް ޚެސޫސްގެ މައްޗަށް ވަނީ ގަސްދުގައި މީހުން މެރުމާއި، ބިރުދައްކައިގެން ފޭރުމުގެ ކުށް ސާބިތުވެފައެވެ. މި ހާދިސާ ހިނގީ ސާފަރުން ދަތުރުކުރި ޕިކަޕް ޓްރަކާއި އޭގެ ފުރޮޅުތައް ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

ސާފަރުން ގެއްލިގެން ހޯދަނިކޮށް، އެމީހުންގެ ހަށިގަނޑު ފެނިފައިވަނީ ހާދިސާ ހިނގި ސަރަހައްދާ ކައިރީގައިވާ 80 ފޫޓު އަޑިއަށް ހުރި ފާޚާނާ ވަޅަކުން ބަޑީގެ ހަމަލާތަކެއްދީ މަރާލާފައި ވަނިކޮށެވެ.
ކޯޓުން ހުކުމް އިއްވުމާއެކު، މަރުވި އެމެރިކާ ކުއްޖާގެ މަންމަ ވީޑިއޯ ލިންކް މެދުވެރިކޮށް ބުނެފައިވަނީ، ދަރިއަކު ގެއްލުމުގެ ހިތާމައަށް އިންސާފެއް ނުލިބުނު ކަމުގައި ވިޔަސް، މި އަނިޔާވެރިން ދެން އިތުރު ބަޔަކަށް ގެއްލުމެއް ނުދެވޭނެކަން ކަށަވަރުވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މީގެއިތުރުން ކޯޓުން ވަނީ އަނިޔާވި އާއިލާތަކަށް ބަދަލު ދިނުމަށްވެސް ކުށްވެރިންގެ މައްޗަށް އަމުރުކޮށްފައެވެ.
