މަރުވިކަމަށް ދައްކައިގެން މިއަހަރުތަކުގައި އުޅުނު ފިލާހުރި ކުށްވެރިޔާ ފަޅާއަރައިފި: 19 އަހަރު ވަންދެން އޭނާ އެއުޅުނީ އޭނާގެ މަރުވެފައިވާ ޓްވިން ބޭބެގެ ނަމުގައި!
ސައިންސް ފިލްމުތަކުން ނުވަތަ ފިލްމުތަކުގެ ސްކްރީންޕްލޭތަކުން ފެންނަފަދަ ހައިރާންކުރަނިވި ކަމެއް ޗައިނާގައި ހިނގާފައެވެ. މީގެ 20 އަހަރު ކުރިން ހިންގި ވައްކަމެއްގެ މައްސަލައެއްގައި ފުލުހުންނަށް ފިލައިގެން އުޅުނު މީހަކު، އޭނާގެ މަރުވެފައިވާ ޓްވިން ބޭބެގެ އައިޑެންޓިޓީގައި 19 އަހަރު ވަންދެން ފުލުހުންނަށް އޮޅުވާލައިގެން އުޅެނިކޮށް، އެކަން ފަޅާއަރައިފިއެވެ. އެންމެ ހައިރާންކުރަނިވި ކަމަކީ، މި ބޮޑު ރޭވުން ނިމުމަކަށް އައީ އޭނާގެ ކުރީގެ ލޯބިވެރިޔަކު ފުލުހުންނަށް މައުލޫމާތު ދިނުމުންނެވެ!
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2002 ވަނަ އަހަރު ޗައިނާގެޒެއިޖިއަންގްޕްރޮވިންސްގައި ހިންގި ބަރު ވައްކަމެއްގެ މައްސަލައެއްގައި ހިމެނޭ 7 މީހުންގެ ތެރެއިން 6 މީހުން ފުލުހުން އޭރު ހައްޔަރުކުރި ނަމަވެސް، 'ޗެން' ކިޔާ މި މީހާ ވަނީ ފިލައިގެން ގޮސްފައެވެ. އޭގެ ފަހުން 2007 ވަނަ އަހަރު، ޗެން މަރުވެއްޖެކަމުގެ ރިޕޯޓެއް އެހެން ޕްރޮވިންސަކުން ލިބުމާއެކު ފުލުހުން މައްސަލަ ފައިލްކޮށް ނިންމާލިއެވެ.
ނަމަވެސް، 19 އަހަރު ފަހުން ފުލުހުން ހިންގި ރިވިއުއެއްގައި އެނގުނީ މަރުވީ ޗެން ނޫން ކަމަށާއި، އެއީ އޭނާގެ ޓްވިން ބޭބެ ކަމަށެވެ. ޗެން ވަނީ ބޭބެގެ މަރެއްގެ ފައިދާ ނަގައި، ބޭބެގެ ލިޔެކިޔުންތައް ބޭނުންކޮށްގެން މުޅިން އާ ދިރިއުޅުމެއް ފަށާފައެވެ.
މިކަން ސާބިތުކުރަން އާއިލާގެ އެއްބާރުލުން ނުލިބުމުން، ފުލުހުން ވަނީ ޗެންގެ ބޭބެގެ ކުރީގެ ލޯބިވެރިޔާ ހޯދައި ސުވާލުކޮށްފައެވެ. އެ ލޯބިވެރިޔާ ދިން ސައްޙަ މައުލޫމާތާ އެކު ފުލުހުން ގޮސް ޗެން އަތުލައިގަތީއެވެ. ގިނަ ދުވަސްތަކެއް ވަންދެން ވަރަށް "ހުޝިޔާރު" ކަމަށް ހީކޮށްގެން އުޅުނު މި މީހާގެ ވާހަކަ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.
