މަންޓާ އެއާގެ އޭޓީއާރު އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައި، އެ ފްލީޓްގެ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫން ވަޒީފާއިން ވަކިކުރަން ނިންމައިފި.
މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި، އެ ކުންފުނީގެ އޭޓީއާރު ކްރޫންނަށް ފޮނުއްވާފައިވާ ރަސްމީ ނޯޓިސްގައި ބަޔާންކޮށްފައިވާ ގޮތުން، އޭޓީއާރު އޮޕަރޭޝަންތައް ހުއްޓާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.
އޮޕަރޭޝަން ހުއްޓާލަން ޖެހުނު ސަބަބުތައް:
މަންޓާ އެއާ އިން ހާމަކުރި ގޮތުގައި، އޭޓީއާރު އޮޕަރޭޝަންގެ އޮނިގަނޑަށް ބަދަލުތައް ގެނެސްގެން ނަމަވެސް ވީހާ ވެސް ގިނަ ދުވަހަކު މުވައްޒަފުންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް، ވިޔަފާރީގެ ދެމެހެއްޓެނިވިކަން އަލުން މުރާޖައާ ކުރުމަށް ފަހު، މި އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ދެމެހެއްޓެނިވި ހާލަތެއް މިހާރު ނެތް ކަމަށް ކުންފުނިން ވަނީ ނިންމާފައެވެ.
މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ދެ ސަބަބެއްގެ ގޮތުގައި ކުންފުނިން ފާހަގަކޮށްފައިވަނީ:
- ޕާކިސްތާނުގެ ސައުތު އެއާ އާއެކު ކުރިއަށް ގެންދިޔަ ވެޓް-ލީޒް އޮޕަރޭޝަން ނިމުމަކަށް އައުން.
- ކުންފުނީގެ އޭޓީއާރު ފްލީޓްގެ އިންޖީނުތަކަށާއި ޓެކްނިކަލް ގޮތުން މެދުވެރިވަމުންދާ ތަފާތު މައްސަލަތައް.
މުވައްޒަފުން ވަކިކުރުމާއި އިސްތިއުފާގެ ފުރުސަތު:
މި ފްލީޓްގައި މަސައްކަތްކުރާ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވިޔަފާރީގެ އޮޕަރޭޝަން ހުއްޓާލުމާ ގުޅިގެން މުވައްޒަފުން ވަކިކުރާ އުސޫލުގެ ދަށުންނެވެ. މުޅި އޮޕަރޭޝަން ހުއްޓާލާތީ، މުވައްޒަފުން ވަކިކުރުމުގައި ވަކި 'ސެކްޝަން ކްރައިޓީރިއާ' އެއް ނުހިނގާނެ ކަމަށް ނޯޓިސްގައި ވެއެވެ.
ނަމަވެސް، ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން ލުއި ދިނުމުގެ ގޮތުން، މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އަމިއްލައަށް އިސްތިއުފާ ހުށަހެޅުމުގެ ފުރުސަތު ކުންފުނިން ވަނީ ދީފައެވެ. މި ފުރުސަތުގެ ދަށުން އިސްތިއުފާ ހުށަހަޅާ މުވައްޒަފުންނަށް، އިސްތިއުފާގެ އެއްބަސްވުމުގެ ދަށުން ވަކިކުރުމުގެ ނޯޓިސް މުއްދަތުގައި ލިބެންޖެހޭ ފައިސާއާ އެއްވަރުގެ އަދަދެއް ކުންފުނިން ދޭނެ ކަމަށް ބުނެފައިވެއެވެ.
މިއީ އޭޓީއާރު ކްރޫންގެ ގާބިލުކަން ނެތިގެން ނިންމި ނިންމުމެއް ނޫންކަން ފާހަގަކޮށް، އުނދަގޫ ހާލަތްތަކުގައި ވެސް މުވައްޒަފުން ދިން އެއްބާރުލުމާއި ހިދުމަތަށް މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށް މާފަށް އެދިފައެވެ. އަދި އަސަރުކުރާ ކޮންމެ މުވައްޒަފަކާ އެޗްއާރް ޑިޕާޓްމަންޓުން ވަކިވަކިން މުއާމަލާތުކޮށް، ނޯޓިސްގެ ޝަރުތުތަކާއި ފަހުގެ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މަންޓާ އެއާ އިން ބުންޏެވެ.
މަންޓާގެ އޭޓީއާރު ދަތުރުތަކުގެ ފެށުން މަންޓާ އެއާ އިން ރާއްޖޭގައި އޭޓީއާރު މަތިންދާބޯޓުގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ. އޭގެ ފަހުން، ދަރަވަންދޫ، މަޑިވަރު، ކޫއްޑޫ އަދި އިފުރު އެއާޕޯޓަށް ވެސް އެ ކުންފުނިން ވަނީ އޭޓީއާރު އޮޕަރޭޝަންތައް ފުޅާކޮށް ހިދުމަތް ދީފައެވެ.

