މަނީ ޗޭންޖަރުންގެ އާ ގަވާއިދަށް އަމަލުކުރަން ފަށައިފި؛ ޓިއާތައް އުވާލައި ސެކިއުރިޓީ ޑިޕޮސިޓް 200,000 ޑޮލަރަށް ބޮޑުކޮށްފި.
މި އާ ގަވާއިދުގެ ދަށުން ކުރިން ކަނޑައަޅާފައިވާ ޓީއާތައް ވަނީ އުވާލާފައެވެ. ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރި ބޭންކުތައް އިސްތިސްނާވާ ގޮތަށް އެކުލަވައިލި މި ގަވާއިދު ހިނގާނީ ވިޔަފާރީގެ އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަންޏެވެ.
ލައިސަންސާއި މާލީ ޝަރުތުތައް:
އާ ގަވާއިދުގައިވާ ގޮތުން، އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހިދުމަތް (ކެޓަގަރީ-އޭ) ދިނުމުގެ ލައިސަންސް ދޫކުރެވޭނީ ހަމައެކަނި މި ވިޔަފާރިއަށް ހާއްސަކޮށްފައިވާ އަދި ކުންފުނީގެ މަންފާ ލިބޭ ހަގީގީ ވެރިޔަކީ ދިވެހި ރައްޔިތަކަށްވާ ކުންފުނިތަކަށެވެ. ކޯޕަރޭޓް ގްރޫޕަކަށް ދޫކުރެވޭނީ އެންމެ ލައިސަންސެކެވެ. ނަމަވެސް ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯޓުތަކަށް އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުމުގެ ހާއްސަ އިހުތިޔާރެއް ވަނީ ދީފައެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މި ލައިސަންސްގެ ދަށުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން:
- މައި އޮފީހަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 200,000 ޑޮލަރު ބަހައްޓަންޖެހެއެވެ.
- ހިދުމަތްދޭ ކޮންމެ ގޮތްޕަކަށް 100,000 ޑޮލަރު ބަހައްޓަންޖެހެއެވެ.
- ލައިސަންސަށް އެދި ހުށަހަޅާ ފީއަކީ 40,000ރ. އެވެ.
- ލައިސަންސް އާކުރުމުގެ ފީއަކީ 20,000ރ. އެވެ.
- އަހަރީ ފީގެ ގޮތުގައި 48,000ރ. ދައްކަންޖެހެއެވެ.
މުއާމަލާތް ކުރުމާއި ހިންގުމުގެ އުސޫލުތައް:
އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހެއްގެ ތެރޭގައި އެއް ކަސްޓަމަރަކާއެކު ނަގުދު ފައިސާއިން ކުރެވޭނެ އެންމެ މަތީ އަދަދު ކަމަށްވާ 50,000ރ. (ނުވަތަ އެ އަދަދާ އެއްވަރުގެ ބޭރު ފައިސާ) ގެ ލިމިޓު ވަނީ ދަމަހައްޓާފައެވެ. މި އަދަދަށްވުރެ އިތުރުވާ މުއާމަލާތްތައް ކުރަންޖެހޭނީ ރަޖިސްޓަރީ ކޮށްފައިވާ އެ ވިޔަފާރިއެއްގެ ޕްރައިމަރީ ބޭންކު އެކައުންޓު މެދުވެރިކޮށެވެ. އަދި ދުވަހުގެ ވިޔަފާރި ނިމޭއިރު ހުންނަ އިތުރު ބޭރު ފައިސާ، ވިދިގެން އަންނަ ރަސްމީ ދުވަހު ބޭންކު އެކައުންޓަށް ޖަމާކުރުން ވެސް ވަނީ ލާޒިމުކޮށްފައެވެ.
ހިދުމަތްދޭ ތަނަކީ އޮފީސް މާހައުލެއްގައި ގާއިމުކޮށްފައިވާ، ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސިއްރުވެރިކަން ކަށަވަރުކުރެވޭ ފަދަ ހާއްސަ ކައުންޓަރެއް ހުންނަ ތަނަކަށް ވާންޖެހޭއިރު، އާންމުންނަށް ސާފުކޮށް ފެންނާނެހެން ޑިޖިޓަލް ބޯޑެއް މެދުވެރިކޮށް ރޭޓުތައް ފެންނަން ހުންނަންޖެހެއެވެ. ކޮންމެ މުއާމަލާތަކަށް ރަސްމީ ރަސީދެއް ދޫކޮށް، އެ ލިޔެކިޔުންތައް މަދުވެގެން ފަސް އަހަރު ދުވަހަށް ރައްކާކުރަން ޖެހެއެވެ. މީގެ އިތުރުން މުއާމަލާތްތައް ވަގުތުން މޮނިޓާކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކޮށް، އޮޑިޓް ކޮށްފައިވާ އަހަރީ މާލީ ހިސާބުތައް ގަވާއިދުން އެމްއެމްއޭއަށް ހުށަހަޅަންޖެހެއެވެ.
ހަރުކަށި ފިޔަވަޅުތަކާއި ޖޫރިމަނާ :
ގަވާއިދާ ހިލާފުވާ ފަރާތްތަކާއި ލައިސަންސް ނެތި ވިޔަފާރިކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 10,000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވެއެވެ. އަދި 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ، ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުކަނޑައިލުމާއި ޖިނާއީ ތަހުގީގަކަށް މައްސަލަ ފޮނުވުމުގެ އިހްތިޔާރު ވެސް އެމްއެމްއޭއަށް އޮވެއެވެ.
ކުރީގެ އެޕްލިކޭޝަންތަކަށް އަންނަ ބަދަލު:
މިހާރު ލައިސަންސް ލިބިގެން ވިޔަފާރިކުރަމުން އަންނަ ފަރާތްތަކަށް އާ ޝަރުތުތައް ފުރިހަމަކޮށް ލައިސަންސް ނެގުމަށް މުއްދަތެއް ލިބޭނެއެވެ. ނަމަވެސް، ކުރީގެ ގަވާއިދުގެ ދަށުން އޮތް "ޓިއާ 2" އުވާލުމާ ގުޅިގެން، އެ ޓިއާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބާތިލުކޮށް، އެޕްލިކޭޝަން ފީ އަނބުރާ ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އަދި "ޓިއާ 1" އަށް ހުށަހަޅާފައިވާ ފަރާތްތަކަށް އިތުރު ފީއަކާ ނުލައި އާ ގަވާއިދުގެ ދަށުން އެޕްލިކޭޝަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ވަނީ ދީފައެވެ.
ރާއްޖޭގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވެ، މި ފަހުން އެމްއެމްއޭއިން ވަނީ ބައެއް މަނީ އެކްސްޗޭންޖަރުންގެ ލައިސަންސް ބާތިލްކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް މޮނީޓާކޮށް ރިޕޯޓް ކުރެވޭނެ ޒަމާނީ ސިސްޓަމެއް ވެސް އިފުތިތާހު ކޮށްފައެވެ.