މަގުމަތީގައި ސޯފާއެއް ދުއްވަމުންދިޔަ ދެ މީހަކު ފުލުހުން ހުއްޓުވައިފި
އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓްގެ ޗާލޮޓް ސިޓީގެ މައި މަގަކުން ސޯފާއެއްގައި އިށީނދެ ތިބެގެން ދަތުރުކުރި ދެ މީހަކު އެ ސިޓީގެ ފުލުހުން ހުއްޓުވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަމާލުކަން ހޯދައިފިއެވެ. ޗާލޮޓް-މެކްލެންބާގް ޕޮލިސް ޑިޕާޓްމަންޓް (CMPD) ގެ ނައިޓްލައިފް އަދި މުނިފޫހިފިލުވާ ސަރަޙައްދުތައް ބަލަހައްޓާ އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް ޔުނިޓުގެ ފުލުހުންނަށް މި މަންޒަރު ފެނުނީ ހުކުރު ދުވަހުގެ ރޭ، އެ ސިޓީގެ މައި އެއް މަގު ކަމަށްވާ ސައުތު ޓްރަޔޯން ސްޓްރީޓުންނެވެ . ދެ މީހުންނަށް އިށީނދެވޭ ސައިޒުގެ ދިގު ސޯފާއެއް (loveseat) ކުއްޔަށް ދޫކުރާ ދެ ލައިމް (Lime) އިލެކްޓްރިކް ސްކޫޓަރުގެ ފައިއަޅާ ތަންތަންމަތީގައި ބަރާބަރަށް ބެހެއްޓުމަށްފަހު، އެ ދެ މީހުން ތިބީ ސޯފާގައި އިށީނދެގެން ދެ ސްކޫޓަރުގެ ހުންގާނުގައި ވަކިވަކިން ހިފަހައްޓައި އެއްވަރަކަށް ދުއްވަމުންނެވެ .
މި އާދަޔާޚިލާފު އުޅަނދު މަގުމަތިން ހުއްޓުވުމަށްފަހު، ފުލުހުން ވަނީ ސޯޝަލް މީޑިއާގައި އޭގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އަދި މިއީ ފުލުހުންގެ ތާރީޚުގައިވެސް ކުރިމަތިވި މުޅިން "އަލަށް ފެނުނު" ފަދަ ހާދިސާއެއް ކަމަށް ބުނެފައިވެއެވެ. ފުލުހުންގެ ބަޔާނުގައި އެ ދެ މީހުންގެ "އުފެއްދުންތެރިކަމަށް" ސަމާސާ ގޮތަކަށް ސާބަސް ދިން ނަމަވެސް، މަގުމަތީގައި މިފަދަ ފަރުނީޗަރުގެ މޮބައިލް މަންޒަރުތައް ދެއްކުން އެންމެ ރަނގަޅުވާނީ މަޝްހޫރު ފަރުނީޗަރު ފިހާރަ "އައިކިއާ" (IKEA) އަށް ކަމަށް ބުނެ މަޖާ ގޮތަކަށް ޕޯސްޓުކޮށްފައިވެއެވެ .
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި، އެކްސިޑެންޓެއް ނުހިނގި ނަމަވެސް، އާންމު ދަތުރުފަތުރުގެ ބާރުބޮޑު މަގުތަކުގައި ކާރުތަކުގެ މެދުގައި މިފަދަ ރައްކާތެރިކަމެއް ނެތް ވަސީލަތްތައް ދުއްވުމަކީ އެހެން ޑްރައިވަރުންގެ ސަމާލުކަން ގެއްލި، ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ ރައްޔިތުންނަށް އިންޒާރުދީފައެވެ. ފުލުހުން މި ދެ މީހުންގެ ވަނަވަރު ހާމަކޮށްފައި ނުވާއިރު، އެމީހުންނާ ދެކޮޅަށް އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ ޖޫރިމަނާއެއް ކޮށްފައިވާ ކަމެއްވެސް ސާފުކޮށްދީފައެއް ނުވެއެވެ . މުޅި ދުނިޔޭގެ ސޯޝަލް މީޑިއާގައި މި ފޮޓޯތައް ދައުރުވުމާއެކު، މިއީ އެތައް ހާސް ބައެއްގެ މެދުގައި މަޖާ އަދި ވައިރަލް ހާދިސާއަކަށް ވަނީ ވެގެން ގޮސްފައެވެ .

