މާއުނގުދޫ މިސްކިތްތައް ފޮޅާސާފުކުރާނެ ވަގުތީ މީހުން ނެގުމުގެ ހުއްދަ އެލްޖީއޭއިން ނުދިން
ށ. މާއުނގޫދޫ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ވޭޖް އުސޫލުން މުވައްޒަފުން ނެގުމުގެ ހުއްދައަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި ތަކުރާރުކޮށް އެދުމުން ވެސް އެ ހުއްދަ ނުދޭތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމުގެ ސަބަބުން މިސްކިތްތައް ބެލެހެއްޓުމަށާއި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މާއުނގޫދޫގައި ހުންނަނީ ދެ މިސްކިތެވެ.
ކޮންމެ މިސްކިތެއްގައި ދާއިމީ ދެ މަސައްކަތު މުވައްޒަފުން ތިބޭއިރު، އެ މުވައްޒަފުން ޗުއްޓީއަށް ދާ ޙާލަތްތަކުގައި މިސްކިތްތައް ފޮޅައި ސާފުކުރުމަށް ވޭޖް އުޞޫލުން މުވައްޒަފުން ނަގަން ޖެހެއެވެ.
ނަމަވެސް، މީގެ ކުރިން މިސްކިތްތަކަށް ނެގި ވޭޖް ދެ މުވައްޒަފުން ވަޒީފާއިން ވަކިވެފައިވުމާ ގުޅިގެން، މިވަގުތު އެއްވެސް ވޭޖް މުވައްޒަފަކު ނެތް ކަމަށް ކައުންސިލުން މި ނޫހަށް ޙިއްޞާކޮށްފައިވެއެވެ.
ދާއިމީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، ދުވާލަކު ފަސް ވަގުތު އެކަނިމާއެކަނި މިސްކިތް ސާފުކުރުމުގެ ބުރަ އުފުލަން ޖެހެނީ ބާކީ ހުންނަ އެންމެ މުވައްޒަފަކަށެވެ. އަދި އެއްވެސް ޙާލަތެއް ދިމާވެގެން މިސްކިތެއްގައި ތިބޭ ދެ މުވައްޒަފުންނަށް އެއްފަހަރާ ވަޒީފާއަށް ނުނިކުމެވޭ ފަދަ ޙާލަތެއް އަތުވެއްޖެނަމަ، މިސްކިތް ސާފުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގެ ބިރު އޮތް ކަމަށް ކައުންސިލުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް މިހާތަނަށް އައިއިރު، އެކަމަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ.
ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ އެލްޖީއޭއިން ދެމުންދާ ކަމަށާއި، މި ހުއްދަ ދިނުމުގައި އެލްޖީއޭއިން ގެންގުޅެނީ ހަމަހަމަ އުސޫލެއް ނޫން ކަމަށް ކައުންސިލުން ތުހުމަތުކުރެއެވެ. މިސްކިތް ފަދަ ރަށުގެ މުހިންމު ތަންތަން ބެލެހެއްޓުމުގައި ސަރުކާރުގެ ފަރާތުން މިފަދަ ގޮންޖެހުންތައް ކުރިމަތިކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
މީގެއިތުރުން، ކުނި މެނޭޖްކުރާނެ މުވައްޒަފުންނާއި މަގުބައްތިތައް ބަލަހައްޓާނެ މުވައްޒަފުން ނެގުމުގެ ހުއްދަ ވެސް އެލްޖީއޭއިން ދީފައިނުވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އޭގެ ސަބަބުން ބޮޑު އަގު ދީގެން އެ ދެ ޚިދުމަތް ވެސް އައުޓްސޯސް ކުރަން ޖެހިފައިވާ ކަމަށާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ރައްވެހި ޚިދުމަތްތަކަށް ބުރޫއަރާ ގޮތަށް އެލްޖީއޭއިން އަމަލުކުރަމުންދާ ކަމަށް މާއުނގޫދޫ ކައުންސިލުން ވަނީ ބުނެފައެވެ.