News Featured

މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި

Advertisement
މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި
ތަފްޞީލް

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ނޫސބަޔާނުގައި ވަނީ ބޭރުގެ ދެ އުޅަނދެއްކަމުގައިވާ އެމްޓީ ކޭޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭއެލް 1 (ޓަގުބޯޓު) އަކީ 26 އެޕްރީލް 2026 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤާނޫނާ ޚިލާފަށް ވަނުމާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ބެލުމުގެ ދަށުގައި 3 މެއި 2026 ން ފެށިގެން އޮތް ދެ އުޅަނދު ކަމަށާއި މި ދެއުޅަނދު މާލޭގެ ބަނދަރުގައި އޮތްއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާތީ 10 ސެޕްޓެންބަރު 2026 ގައި ލަނގަރު ކެނޑިގެންގޮސް މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

 

ހާދިސާ ހިނގައިދިޔަ ގޮތުގެ ސައްހަ މަޢުލޫމާތު މިހާތަނަށްވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްދީފައެއް ނުވާ ކަމަށާއި މި ދެ އުޅަނދާބެހޭގޮތުން މީސްމީޑިއާގައި ފެތުރެމުންދާ މަޢުލޫމާތަށް ބަލާއިރު، އެއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީގޮތުން ޒިންމާވާންޖެހޭ އެތައްކަމެއްގައި އެޒިންމާ އަދާކުރެވިފައިނުވާތީ ހިނގާފައިވާކަމެއްކަމަށް ރިޕޯޓްކޮށްފައިވާތީ މިއީ މާލެ ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއްކަމުގައި ނޫސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.


ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) އިން މާލެސިޓީ ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކުގެ ތެރޭގައި، މާލެ ސިޓީގެ އިޙްތިޞާޞްގައިވާ ތިމާވެއްޓާއި ފަރުތަކާއި ކަނޑުގެ ވަޞީލަތްތަކާއި މުނިސިޕަލް ޢުމްރާނީ ވަޞީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުން ހިމެނޭ ކަމަށާއި އެހެންކަމުން މި ޙާދިސާއާ ގުޅިގެން މާލެ ސިޓީގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވައިލައި 3 ކަމެއް ފާހަގަކޮށް އެ 3 ކަންތައް ފުރިހަމަ ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މާލެސިޓީ ކައުންސިލުން އިލްތިމާސް ކުރާކަމަށެވެ.

 

މާލެ ސިޓީ ކައުންސިލުން ކަމާބެހޭ ފަރާތްތަކުން ބަލައިދިނުމަށް އެދިފައވާ ކަންތައްތައް

-         މުއައްސަސާތަކުގެ އިހުމާލު ތަހުގީގުކުރުން: އުޅަނދުފަހަރު ރާއްޖެއަށް އެތެރެވި ގޮތާއި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކެނޑިގެން ގޮސް މާލޭ އިރުމަތީ ފަރަށް އަރައި ބްރިޖުގައި ޖެހެން މެދުވެރިވި ސަބަބު ބަލައި އެކަމުގައި އިހުމާލުވި ބަޔަކު ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި ރިޕޯޓު އާންމުކުރުން.

-         ތިމާވެއްޓާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުން: އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކޮށް އަދި ބްރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުން.

-         ސިނަމާލެ ބްރިޖުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ހެދުން: ދެ އުޅަނދު ޖެހުމުގެ ސަބަބުން ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިންގ އޮޑިޓަކުން ކަށަވަރުކޮށް، ބްރިޖުގެ ރައްކާތެރިކަން އާންމުންނަށް ކަށަވަރުކޮށްދިނުން.


Topics:
Share this article: Facebook Twitter WhatsApp
Related Articles