ލޮލުގެ ޚާއްސަ ދެ ޑޮކްޓަރުން އައިކެއަރ ހޮސްޕިޓަލްގައި ބަލިމީހުން ބަލަނީ
އިންޑިއާގެ މަޝްހޫރު "ޗައިތަންޔާ އައި ހޮސްޕިޓަލް" ގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރުން މިހިނގާ އޮކްޓޯބަރ މަހުގެ 11-15 އަށް އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ޑޮކްޓަރުންނަކީ، ސީނިއާ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖް އާއި، ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީ އެވެ.
ލޮލުގެ ހާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗައިތަންޔާ ހޮސްޕިޓަލާއެކު ވެވުނު މި ޕާޓްނަރޝިޕްގެ ސަބަބުން، މީގެ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށާއި، އަލަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު އެ ފުރުސަތު ލިބިގެންދާނެކަމަށް އައިކެއަރއިން ބުނެއެވެ.
ޑޮކްޓަރުންގެ މި ދަތުރު ހާއްސަކުރެވިފައިވަނީ ލޯ ޗެކްކުރުމަށާއި ކޮންސަލްޓޭޝަނަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު، ކުރިއަށް އޮތް ތަނުގައި އައިކެއަރ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ.
މި ފުރުސަތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޓަރުންގެ ހިދުމަތް ރާއްޖެއިން ލިބި، ދަތުރުފަތުރަށް ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، ފަރުވާއާ ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާކޮށް ގޮތް ނިންމުމަށް ބަލިމީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ޑޮކްޓަރަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހުޅުވާލާފަ އެވެ. ޑޮކްޓަރަށް ދައްކަން ދާއިރު ކުރީގެ މެޑިކަލް ރިޕޯޓްތަކާއި، ބޭސްސިޓީ އަދި ލޮލުގެ ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއަރ އިން އެދެ އެވެ.
