ލާމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާގެ މައްޗަށް ޖަލު ހުކުމާއި 1 މިލިއަން ރުފިޔާގެ ދިޔައެއް ދައްކަން ޙުކުމްކޮށްފި!
ލައިސަންސް ނެތި، ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުގެ ސަބަބުން ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އޭގެ ތެރެއިން އެކަކު ނިޔާވެ އަނެކަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ދައުވާލިބުނު މީހާގެ މައްޗަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ ލ. ލިންކް ރޯޑުގައެވެ. ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ބާރު ދުވެލީގައި ސައިކަލު ދުއްވާފައި ގޮސް ކައްދޫ އެއާބޭސް ކައިރީހުރި ކަފިހިހުރަހުން މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ވަނީ ޖެހިފައެވެ. މި އެކްސިޑެންޓުގައި ލ. މާވަށް، އެތުމާ، މަރްޔަމް މޫސާ އަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. އަދި އއ. ހިމަންދޫ، ގަލްފް، ޢަބްދުއްސަލާމް ޙުސައިންއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ކޯޓުން ކަނޑައެޅި ޙުކުމްތައް:
މި މައްސަލައިގައި ނައުސާން ވަނީ ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް އައިސްފައެވެ. އެހެންކަމުން، ކޯޓުން ވަނީ އޭނާގެ މައްޗަށް ވަކިވަކިން ދެ ދަޢުވާއެއް ސާބިތުވާކަމަށް ނިންމާފައެވެ:
މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުން: މި ކުށަށް 3 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުނު ނަމަވެސް، ތަޙުޤީޤާއި ޝަރީޢަތަށް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޛުކުރަންޖެހެނީ 1 އަހަރާއި 9 މަހާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.
މީހަކަށް އަނިޔާއެއް ދިނުން: ޢަބްދުއްސަލާމަށް ލިބުނު އަނިޔާތަކާ ގުޅިގެން 9 މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ.
މަރުގެ ދިޔައާއި ކައްފާރާ: މަރްޔޫމްގެ ވާރިޘުން ބޭނުންވުމުން، މަރުގެ ދިޔައިގެ ގޮތުގައި 1,000,000 (އެއް މިލިއަން) ރުފިޔާ 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށާއި، ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތައް ބައްލަވައި ވަކިވަކިން ޙުކުމް އިއްވެވީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފެވެ.

