ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ކަންކަމަށް މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ބިލެއް ހުށަހަޅައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ލައްވައި ސިޔާސީ ޕާޓީތަކަށް ސޮއިކުރުވުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުމަށް މަޖުބޫރުކުރުން މަނާކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލް ވިދާޅުވި ގޮތުގައި މިފަދަ އިސްލާހެއް ހުށަހަޅަން ޖެހުނީ، ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރަމުންދާތީ އެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުދީ ހިފެހެއްޓުމާއި، ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދެއްކުން ފަދަ އަމަލުތައް ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިޔާސީ ޕާޓީއަކާ ގުޅުމާއި ނުގުޅުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ، ޕާޓީއެއްގެ މެންބަރަކަށް ވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކުވެސް އަމިއްލަ އިހުތިޔާރުގައި ނިންމަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، މި ބިލުގެ މައިގަނޑު މަގުސަދަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމުގައި ކަނޑައަޅައި، އެކަމަށް އަދަބު ދެވޭނެ މަގުފަހިކުރުމެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ވަކި މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާފައިވާ މި އިސްލާހުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ނުވަތަ ވަކި ޕާޓީއަކުން ވަކިވުމަށް މުވައްޒަފަކަށް އެންގުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީއަކުން އިންތިޒާމުކުރާ އެއްވުމެއްގައި، ޖަލްސާއެއްގައި ނުވަތަ އެ ނޫންވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް މުވައްޒަފަކަށް އެންގުމަކީވެސް މި މާއްދާގެ ދަށުން މަނާކުރެވޭ ކަމެކެވެ.
މި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ އަމަލަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކަށް ދިއުމަށް މަޖުބޫރުކުރުވުމާއި، ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރުމުން ވަޒީފާގެ ފުރުސަތުތައް ދިނުން ފަދަ މައްސަލަތަކަކީ ކޮންމެ ސަރުކާރެއްގައިވެސް އާންމުންގެ ކަންބޮޑުވުން އޮންނަ ބޮޑު މައްސަލައެކެވެ.
