ކުޑަކުދީންނަށް އިރުގެ އަލިކަން ލިބުން މުހިންމުވާ ސަބަބުތައް

ނުވަދިހައިގެ އަހަރުތަކާއި އޭގެ ކުރީގެ އަހަރުތަކުގައި ބޮޑެތިވަމުން އައި ކުދީންގެ ކުޑައިރުގެ ހަނދާންތަކުގައި ހަމަ ޔަގީނުން ވެސް ވާނީ މަގުމަތީގައި ރައްޓެހި ކުދިންނާއެކު ޕަޗަސް ނޫނީ ހިރި ފަދަ ކޮންމެ ވެސް ކުޅިވަރެއް ކުޅުމާއި، މަންމަމެންނާ އެކު އޮޅުދޮށަށް ގޮސް ގަސްގަހަށް އަރައި ސަކަރާތްޖެހުމާއި އަތިރިމަތީ ފުޓްބޯޅަ ކުޅުމާއި މޫދަށް ގޮސް ފަތައި ނޫނީ ރާޅާއެޅުން ފަދަ އެކި ކުޅިވަރުތައް ކުޅުމުގައި ދުވާލުގެ ބޮޑުބައެއް އިރުގެ އަވި ލިބޭ ހިސާބުގައި އުޅޭ އުޅުމެވެ.
އޭރާ ޚިލާފަށް މިއަދު ކުޑަކުދިންގެ ހަޔާތުގެ ބޮޑު ބައެއް މިވަނީ ގޭތެރޭގައި ޓީވީ ނުވަތަ ޓެބްލެޓް ފަދަ ކޮންމެވެސް ސްކްރީނަކަށް ބަލަހައްޓައިގެން ތިބުމަށް ބަދަލުވެފައެވެ. އެޕާޓްމަންޓްތަކުގައި ދިރިއުޅެންޖެހުމާއި ކުރިއާ ހިލާފަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވެން ނެތުމުގެ ސަބަބުން ގެއިން ބޭރުގައި އުޅުމުގެ ފުރުސަތު މިވަނީ ހަނިވެފައެވެ. ހެލިފެލިވެ އުޅުމާއި އެކަށީގެންވާ ވަރަށް އިރުގެ އަލިކަމާއި ބޭރުގައި އުޅުމުގެ ވަގުތު މިހާރުގެ ކުޑަކުދިންނަށް ނުލިބޭއިރު މިއީ ކިހާ މުހިއްމުކަމެއް ހެއްޔެވެ؟
އިރުގެ އަލިކަމާއި ހަށިގަނޑުގެ ބަޔޮލޮޖިކަލް ކްލޮކް
ގިނަ މީހުންނަށް ނޭނގި އޮންނަ ދުވާލުގެ އަލިކަމުގެ އެންމެ މުހިންމު އެއް ދައުރަކީ އަހަރެމެންގެ ހަށިގަނޑުގައި 24 ގަޑިއިރުގެ ގަޑި ނުވަތަ ސަރކޭޑިއަން ރިދަމް، އެއް ހަމައެއްގައި ހިފެހެއްޓުމަށް އެ އަލި އަދާކުރާ ދައުރެވެ.
ސަރކޭޑިއަން ނިޒާމަކީ ނިދުމާއި ހޭލައި ހުރުން، ހޯމޯން އުފެއްދުމާއި ހަށިގަނޑުގެ ފިނިހޫނުމިން އަދި މެޓަބޮލިޒަމްގެ އިތުރުން ހަށިގަނޑުގެ އެކިއެކި ނިޒާމުތަކުގައި ހިނގާ މަސައްކަތްތައް ކޮންޓްރޯލު ހަމައަކުން ހިންގުމަށް އެހީތެރިވެދޭ ނިޒާމެކެވެ. އިރުގެ އަލިކަމަކީ ހަށިގަނޑުގެ އެތެރޭގެ ގަޑި، ދުވާލާއި ރޭގަނޑުގެ ދައުރާ އެއްގޮތްކުރުމަށް ސިކުނޑިން ބޭނުންކުރާ އެންމެ ވަރުގަދަ ގުދުރަތީ ވެށީގެ ސިގުނަލެވެ.
ކުޑަކުދިންގެ ނާރުގެ ޚާއްސަ ޑޮކްޓަރ، ޑރ. އާމިނަތު އަބޫބަކުރު ވިދާޅުވާ ގޮތުގައި ހެނދުނާއި ހަވީރު ލިބޭ ކޮކާ އަތްވަށް ކުޑަކުދިން ނެރުމުން އެކުދިންގެ ނިދުމުގެ ހޯމޯންތައް ހަމައަކަށް އެޅި ގަވާއިދުން މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ.
ނުނިމޭ.......