'ކޫލް ސްކޫލް' މަޝްރޫއުގެ ދަށުން 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށް ނިންމައިފި
ރާއްޖޭގެ ސްކޫލުތައް ފިނިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލެއް އޭސީކޮށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން، މިހާތަނަށް ހާސިލުކުރެވިފައިވާ ކާމިޔާބީތަކުގެ ތަފްސީލު ހިމަނައި އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ ތެރެއިން މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލުގެ ޖުމްލަ 192 ކްލާސްރޫމާއި 80 ހޯލް ވަނީ އޭސީކޮށްފަ އެވެ.
ރާއްޖޭގައި ސަރުކާރުގެ 217 ސްކޫލު ހުންނައިރު، އެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރު ދުވަހުގެ ތެރޭގައި އޭސީކޮށް ނިންމުމުގެ އަމާޒުގައި "ކޫލް ސްކޫލް" ޕްރޮޖެކްޓް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ދަށުން، ސްކޫލުތަކަށް ބޭނުންވާ އޭސީތައް ހޯދައި، އެ ތަކެތި ހަރުކޮށް ޕްރޮޖެކްޓް ނިންމުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 54 މިލިއަން ރުފިޔާއަށެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް މީގެ ކުރިން ވިދާޅުވެފައިވަނީ، ބައެއް ރަށްރަށުގައި އޭސީތައް ބޭނުންކުރެވޭ ވަރުގެ އެކަށީގެންވާ ކަރަންޓު ނެޓްވޯކެއް ނެތުމަކީ މަސައްކަތް ލަސްވެ، ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބު ކަމަށެވެ.

