ކޫއްޑޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ގއ. ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ އެމްޑީ ހާރިސް މިއާ އެވެ. ކޫއްޑޫގައި އޭނާ ދިރިއުޅެމުންދިޔަ ތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 66 ގުރާމު ހުރި ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރިކުރަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ މި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި އެމްޑީ ހާރިސް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް ރަށް ކަމަށްވާ ގއ. ކޫއްޑޫއަކީ މިފްކޯގެ މަސް ފެކްޓްރީއަކާއި މަސް ގަންނަ މަރުކަޒެއް ހިންގަމުން އަންނަ، ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ރަށެކެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
