ކޮންމެ ފަސްމީހަކުން އެކަކީ ރާއްޖޭގައި ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެއް
ދިވެހިރާއްޖޭގެ އާބާދީގައި ހިމެނޭ ކޮންމެ ފަސް މީހަކުން އެކަކީ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ މާޔޫސްވުން ނުވަތަ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހުންކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.
ހެލްތު މިނިސްޓްރީ ން ބުނީ ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ކޮންމެވެސް ބަލިމަޑުކަމެއް ތަހައްމަލު ކުރާކަން އެނގުނީ މީގެ ކުރިން، 2020 އިން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކަށް ބެލުމަށްފަހު ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކަކީ މިއަދު ރާއްޖޭގައިވެސް އާންމު ސިއްހަތާ ގުޅިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން މިހާރު އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ 'ތަޖުރިބާގެ އަޑު ކަނުލައި އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު' މިއެވެ. މި ޝިއާރުގެ މައިގަނޑު ބޭނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ ތަޖުރިބާތަކަށް ސަމާލުކަންދީ، އެފަރާތްތަކުގެ ދިރިއުޅުމާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމުގައި އަމަލީގޮތުން އެމީހުންގެ ބައިވެރިވުން އިތުރުކުރުމެވެ.
ނަމަވެސް، މުޖުތަމައުގައި އަދިވެސް އޮތް ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތަކުގެ ސަބަބުން، ގިނަ ބަޔަކު އެހީތެރިކަން ހޯދުމަށް ފަސްޖެހޭކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެ އެވެ.
ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގައި ސައިކޭޓްރިސްޓުންގެ ހިދުމަތް އިތުރުކުރުމުގެ އިތުރުން، ހުޅުމާލޭގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ 50 އެނދުގެ ޒަމާނީ ސައިކިއޭޓްރިކް އަދި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ހޮސްޕިޓަލުގެ ބޭނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ދިގު މުއްދަތުގެ ފަރުވާއާއި ރިހެބިލިޓޭޝަން އެއް ތަނަކުން ފޯރުކޮށްދިނުމެވެ.
މީގެއިތުރުން، އިސްރަށްވެހިންނަށް ހާއްސަކޮށްގެން "އިސްރަށްވެހިންގެ ސައްލާ" ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. "ޓީ އެންޑް ޓޯކް" ބައްޓަމަށް ކުރިއަށްގެންދާ މި ސެޝަނަކީ އިސްރަށްވެހިންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. ކާށިދޫގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް މި ދުވަހާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
