ކޮންގޯއާއި ޔޫގަންޑާގައި ފެތުރެމުންދާ އެބޯލާ އައުޓްބްރޭކާ ގުޅިގެން ދުނިޔޭގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރު ކޮންގޯ) އާއި އަވައްޓެރި ޔޫގަންޑާގައި ހަލުވިކަމާއެކު ފެތުރެމުންދާ 'ބުންޑިބުގްޔޯ' އެބޯލާ ވައިރަހުގެ އައުޓްބްރޭކާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން ވަނީ މުޅި ދުނިޔެއަށް އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު (PHEIC) އިއުލާންކޮށްފައެވެ. މެއި 15، 2026 ގައި ޑީއާރު ކޮންގޯއާއި ޔޫގަންޑާއިން ރަސްމީކޮށް މި އައުޓްބްރޭކް އިއުލާންކުރުމާ ގުޅިގެން، ޑަބްލިއުއެޗްއޯއިން މެއި 16 އިން 17 އަށް ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައެވެ.
މިފަހަރު ފެތުރެމުންދަނީ އެބޯލާ ވައިރަހުގެ ނިސްބަތުން މަދު އަދި ނުރައްކާ ބާވަތެއްކަމަށްވާ 'ބުންޑިބުގްޔޯ' ވައިރަހެވެ. މިއީ ބަލިޖެހޭ މީހުންގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މީހުން މަރުވުމުގެ ފުރުސަތު ބޮޑު، އަދި ޚާއްޞަ ވެކްސިނެއް ނުވަތަ ސީދާ ފަރުވާދޭނެ ބޭހެއް އަދި އުފެއްދިފައިނުވާ ނުރައްކާތެރި ވައިރަހެކެވެ. ބަލިޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ ކުރީކޮޅުގައި ދެވޭ އެހީތެރިކަމުގެ ފަރުވާތަކުންނެވެ. ޑީއާރު ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ބޫނިއާ، ވަމްޕާރާ އަދި މޮންގްބުވާލޫ ހެލްތު ޒޯންތަކުން އެންމެ ފުރަތަމަ ފެނުނު މި ބަލި ވަނީ ނޯތު ކީވޫ، ސައުތު ކީވޫ، ބާސް-އުއެލޭ، ހޯޓް-އުއެލޭ، ސައުތު އުބަންގީ އަދި ޗޯޕޯ ޕްރޮވިންސްތަކަށް ފެތުރިފައެވެ. އަދި ޑީއާރު ކޮންގޯއިން ދަތުރުކުރި މީހުންގެ ފަރާތުން ޔޫގަންޑާއަށްވެސް ބަލި އެތެރެވިކަން ކޮންފާމްވެ، އެޤައުމުން 21 ކޭސް ފެނި 3 މީހުން ވަނީ މަރުވެފައެވެ. ބަލިކަން އިއުލާންކުރިތާ އެންމެ 40 ދުވަސް ތެރޭގައި ކޮންފާމް ކުރެވުނު ކޭސްތަކުގެ އަދަދު 1,000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އެޤައުމުގެ ތާރީޚުގައިވެސް 2 ވަނައަށް އެންމެ ބޮޑު އަދި އެންމެ ހަލުވި އައުޓްބްރޭކެވެ.
އެފްރިކާގެ މި ސަރަޙައްދުގައި ބަލި ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ލެބޯޓްރީ ޚިދުމަތްތަކާއި، ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު (PPE) އަދި އަސާސީ ވަސީލަތްތައް ނުހަނު ދަތިވުމުގެ އިތުރުން، ސަރަޙައްދީ ހަނގުރާމަތަކުގެ ސަބަބުން ސެކިއުރިޓީ މައްސަލަތައް ދިމާވެ، ބަލިޖެހޭ މީހުން ހޯދައި ފަރުވާދިނުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ. މީގެއިތުރުން، ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށްދެވޭ ހަމަލާތަކުގެ ސަބަބުންނާއި PPE މަދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ބަލިޖެހެމުންދާއިރު، ސަރުކާރަށް އޮންނަ އިތުބާރު ކުޑަވުމާއި ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ރައްކާތެރިކަމުގެ އިރުޝާދުތަކަށް އާންމުންގެ އެއްބާރުލުން ލިބުން ވަނީ މަދުވެފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ޕޭން އެމެރިކަން ހެލްތު އޮގަނައިޒޭޝަން (PAHO) އިން ވަނީ ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރަށް މަނާކުރުންތައް ނުހިންގުމަށް އިރުޝާދުދީފައެވެ. ނަމަވެސް، އެމެރިކާގެ ސީޑީސީން ވަނީ ރައްކާތެރިކަމުގެ ގޮތުން ފާއިތުވި 21 ދުވަސް ތެރޭގައި ޑީއާރު ކޮންގޯގައި އުޅެފައިވާ ފަރާތްތަކުން އެމެރިކާއަށް ދާ އާންމު ފްލައިޓްތަކަށް އަރައި އެތެރެވުން ވަގުތީގޮތުން މަނާކޮށްފައެވެ. މިވަގުތު ކުއްލި އެމެޖެންސީ އޮޕަރޭޝަންތައް ފަށައި، ލެބޯޓްރީތައް ސަރަޙައްދީގޮތުން ޤާއިމުކޮށް، ބަލިޖެހޭ މީހުން ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. މިގޮތުން އެމެރިކާގެ ސީޑީސީގެ 500 އަށްވުރެ ގިނަ މުވައްޒަފުން މި ކަމުގައި ހަރަކާތްތެރިވާއިރު، 120 އަށްވުރެ ގިނަ އޮފިޝަލުން ވަނީ އެފްރިކާގެ އެކި ސަރަޙައްދުތަކަށް ފޮނުވާފައެވެ.
އެބޯލާ ވައިރަސް ޑިޒީޒް (އީ.ވީ.ޑީ) އަކީ އެބޯލާ ވައިރަސްގެ ސަބަބުން ޖެހޭ، މަދުން ނޫނީ ނުފެންނަ، ނަމަވެސް ވަރަށް ނުރައްކާތެރި އަދި ގިނަ ފަހަރަށް ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. މި ވައިރަސް އެންމެ ފުރަތަމަ ހޯދިފައިވަނީ 1976 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯގެ އެބޯލާ ކޯރު ކައިރިންނެވެ. އިންސާނުންގެ ހަށިގަނޑަށް މި ބަލި ފެތުރެނީ ބަލިޖެހިފައިވާ ވާލާއި ރިނދަލި (ޕްރައިމޭޓްސް) ފަދަ ޖަނަވާރުތަކުންނެވެ. އަދި އިންސާނުންގެ މެދުގައި މި ބަލި ފެތުރެނީ ލެޔާއި، ހަށިގަނޑުން ބޭރުވާ ދިޔާތަކެތި، ނުވަތަ ވައިރަސް އުނގުޅިފައިވާ ތަކެތީގައި ސީދާ އަތްލުމުގެ ސަބަބުންނެވެ. ހަށިގަނޑުގެ ތެރެއަށް ވައިރަސް ވަނުމުން، އެއިން ދިފާއީ ސެލްތަކަށް ހަމަލާދީ، ލޭހުޅުވާ ނާރުތަކުގެ ފަށަލައަށް ގެއްލުންދީ، ލޭގަޑުވުމުގެ ނިޒާމަށް ބުރޫއަރުވައެވެ. މީގެ ސަބަބުން ހަށިގަނޑުން ވަރަށް ބޮޑަށް ދިޔާތަކެތި މަދުވެ، އެތެރެހަށިން ލޭފޭބުމާއި، ގުނަވަންތައް ފެއިލްވުމަށް މަގުފަހިވެއެވެ.
މި ބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ 2 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ފުރަތަމަ ފެންނަނީ ކުއްލިއަކަށް ހުންއައުން، ވަރަށް ބޮޑަށް ވަރުބަލިވުން، މަސްތަކުގައި ރިއްސުން އަދި ބޮލުގައި ރިއްސުން ފަދަ އަލާމާތްތަކެވެ. އޭގެ ފަހުން، ހުއްޓުމެއްނެތި ހޮނޑުލެވުން، ބަނޑުހިންގުން، ހަމުގައި ނަގާ ބިހިތައް، އަދި އެތެރެހަށިން ނުވަތަ ބޭރުން ލޭފޭބުން ފަދަ އަލާމާތްތަކަށް ބަދަލުވެގެންދެއެވެ. ވަކި ހާއްސަ ސްޓްރޭންތަކަށް ހާއްސަ ހުއްދަދެވިފައިވާ ވެކްސިންތަކާއި ،މޮނޯކްލޯނަލް އެންޓިބޮޑީ ފަރުވާތައް ހުރިނަމަވެސް، މި ބަލިން ރައްކާތެރިވުމުގެ މައިގަނޑު އަސާސަކީ ސާފުތާހިރުކަމާއެކު ރަނގަޅަށް އަތްދޮވުމާއި، ހަށިގަނޑުން ބޭރުވާ ދިޔާތަކެއްޗާއި ޖަނަވާރުގެ މަހުގައި އަތްނުލުމާއި، ސިއްހީ ހިދުމަތްތެރިން ރައްކާތެރިވާ ވަސީލަތްތައް (ޕީ.ޕީ.އީ) ބޭނުންކުރުމާއި، ބަލިފެތުރޭ ދުވަސްވަރު މަރުވާ މީހުން ރައްކާތެރިކަމާއެކު ކަފުނުކޮށް ވަޅުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.
