Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Info Featured

ޖުމްހޫރީ ވެރިކަމަކީ ކޮބައިކަމާއި ޖުމްހޫރީ ވެރިކަމުގެ މައިގަނޑު އަސާސަތައް

ޖުމްހޫރީ ވެރިކަމަކީ ކޮބައިކަމާއި ޖުމްހޫރީ ވެރިކަމުގެ މައިގަނޑު އަސާސަތައް
ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްމަރުހޫމް މުޙައްމަދު އަމީން
ތަފްޞީލް

ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާ ( ރައީސުލްޖުމްހޫރިއްޔާ ) އަދި ސަރުކާރެއް އުފެދިގެން އަންނަނީ ރައްޔިތުންގެ ވޯޓަކުން، ނުވަތަ ރައްޔިތުން އިންތިޚާބުކުރާ ވެރިކަމުގެ ނިޒާމަކުންނެވެ.


މި ނިޒާމުގެ މައިގަޑު ސިފަތަކަކުގެ ތެރޭގައި ޖުމްހޫރީ ވެރިކަމުގެ ބާރުލިބިގެންވަނީ ރައްޔިތުންނަށެވެ. އަދި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންކަމުން ރަސްކަމާ ޚިލާފަށް ވެރިކަން ވާރުތަވުމުގެ ސިފައެއް ޖުމްހޫރީ ވެރިކަމެއްގައި ނޯންނާނެއެވެ. 


ޖުމްހޫރީ ވެރިކަން ގާއިމުވެފައިވާ ގައުމުތަކުގައި ވެރިކަން ހިންގާނީ ވަކިފަރުދެއްގެ ނުވަތަ އާއިލާއެއްގެ އަމުރަށްވުރެ ބޮޑަށް އެންމެމަތީ ގާނޫނެއް ނުވަތަ ގާނޫނު އަސާސިއާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 


މިފަދަ ގައުމުތަކުގައި ވެރިކަން ހިންގުމާއި ގާނޫނުތައް ހެދުމާއި އަދި އިންސާފު ގާއިމުކުރުން ވަކިވެފައި އޮތުމަކީ ޖުމްހޫރީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސެވެ. އަދި ހަގީގީ މާނައިގައި ޖުމްހޫރީ ވެރިކަން ތަންފީޒުކުރަމުންދާ ގައުމުތަކުގައި އެއްނިޒާމުން އަނެއް ނިޒާމަށް ނުފޫޒެއް ނުފޯރުވޭނެއެވެ.


ޖުމްހޫރީ ނިޒާމް މައިގަނޑު ގޮތެއްގައި ދެބައަކަށް ބެހެއެވެ.

1.   ރިޔާސީ ނިޒާމް ( ޕްރެޒިޑެންސަލް ސިސްޓަމް)  ރައީސަކީ ސަރުކާރާއި ދައުލަތުގެ އެންމެ އިސް ވެރިޔާކަމަށްވުން ( މިސާލަކަށް އެމެރިކާ ) 


2.   ބަރުލަމާނީ ނިޒާމް ( ޕާލަމެންޓްރީ ސިސްޓަމް ) ގައުމުގެ ރައީސް ނުވަތަ ރަސްގެފާނު ހުންނަވާނީ ރަމްޒީ މަގާމެއްގައި ކަމަށް ވެފައި ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔަކީ  ( ބޮޑުވަޒީރު ނުވަތަ ޗާންސެލަރ ) ޕާލަމެންޓުން ހޮވާ ބޭފުޅަކަށްވުން 

( މިސާލަކަށް ޖަރުމަނުވިލާތް، އިންޑިޔާ ) 


ދިވެހިރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަން ފެށުނީ 11 ނޮވެންބަރ 1968 ވަނަ ދުވަހުއެވެ. މި ބަދަލު އައުމާ ހަމައަށް ދިޔަ މައިގަނޑު މަރުޙާލާތައް ތިރީގައި މިވަނީއެވެ.


ރާއްޖޭގައި ރަސްކަން (ސުލްޠާންކަން) އުވާލައި ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓެއް 1968 މާރިޗު 15 ވަނަ ދުވަހު ނެގުނެވެ.


މި ވޯޓުގައި ބައިވެރިވި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ވޯޓުދިނީ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރުމަށެވެ. 


މިއާއެކު ރާއްޖޭގައި ގާތްގަނޑަކަށް 800 އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ރަސްކަމުގެ ނިޒާމު ނިމުމަކަށް އައެވެ. (އެ ދުވަހު ރަސްކަމުގައި ހުންނެވީ އަލްސުލްތާން މުޙައްމަދު ފަރީދުލް އައްވަލް ) އެވެ.


އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުން:

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށީ 1968 ނޮވެމްބަރު 11 ވަނަ ދުވަހުއެވެ. މި ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ޖުމްހޫރިއްޔާއެއް ކަމަށް ރަސްމީކޮށް ކަނޑައެޅުނެވެ.


ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އައްޔަންކުރުން:

ރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ 1 ޖަނަވަރީ 1953 ގައެވެ. މިޖުމްހޫރިއްޔާގެ ރައިސަކީ އަލްއަމީރު މުޙައްމަދު އަމީން ދީދީއެވެ.


ދެވަނަ ޖުމްހޫރިއްޔާގެ ރައީސް އައްޔަންކުރުން:

ދެވަނަ ޖުމްހޫރީ ވެރިކަން ފެށުނީ 11 ނޮވެންބަރ 1968 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އޭރުގެ ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރު ހުވާކުރެއްވިއެވެ.


މި ބަދަލަކީ 1965 ވަނަ އަހަރު ރާއްޖެއަށް ލިބުނު ފުރިހަމަ މިނިވަންކަމާ ގުޅިގެން ޤައުމުގެ ސިޔާސީ އަދި އިދާރީ އޮނިގަނޑު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ.


ޖުމްހޫރީ ވެރިކަމުގެ މައިގަނޑު އަސާސަކީ ވެރިކަން ހިންގުމުގައި ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެއާ އެއްގޮތަށް ވެރިކަން ހިންގުމެވެ. އެހެންކަމުން ހުރިހާ ރައްޔިތުންގެ ޚިޔާލު ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާތީ މި ނިޒާމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޒިންމާއާ މަތިކޮށްފައިވަނީ ރައްޔިތުން އިންތިޚާބުކުރާ ( ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ) ރައްޔިތުންގެ މަޖިލީހާއެވެ. މި މަޖިލީހުގައި ތިއްބަވާނީ ރައްޔިތުންގެ މަންދޫބުންނެވެ. 


ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. 


ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތައް ހެދުމުގެ ބާރާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ގާނޫނު އަސާސީން މަތިކޮށްފައިވާ އެންމެ މުހިންމު އެއް މުއައްސަސާއެވެ. މިގޮތުން ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކާއި ދައުލަތުގެ މުދަލާއި ފައިސާ ހޭދަކުރާގޮތް ބަލާ ސަރުކާރުގެ މިނިސްޓަރުން މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރުވެސް ޖުމްހޫރީ ވެރިކަމެއްގައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. 


އަދި ސަރުކާރުން ( ރައިސުލްޖުމްހޫރިއްޔާ ) ވެރިކަން ހިންގާގޮތް ކަމުނުދާނަމަ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ހުވަޔާ ޚިލާފުވާނަމަ އެ މަގާމުގައި ހުންނަވާ ބޭފުޅަކު ވެރިކަމުން އަޒުލުކުރުމުގެ ބާރުވެސް ގާނޫނު އަސާސީން މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއެވެ.


 މިއިން އެނގިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަޖިލީހުގައި ބަސް އިއްވަންޖެހޭ ކަމާއި ރައްޔިތުންނަށް އަމާނަތްތެރިވެ އިޚްލާސްތެރި ބަޔަކަށް ވާންޖެހޭނެކަމެވެ. ނަމަވެސް އަދު ފެނިގެން މިދަނީ މުޅިން މިއާ އިދިކޮޅަށް މަޖިލީހުގެ މެންބަރުން އަމަލުކުރާ ތަނެވެ. ވެރިކަން ހިންގާ ޕާޓީގެ ވިސްނުމާ އެއްގޮތަށް މެންބަރުންގެ ވާޖިބު އަދާކުރާ ތަނެވެ.


ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްސަ ގުޅުމެއްއޮތް އެހެންމީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެކަން ވަރަށް ސާފު ސަރީހަކޮށް ބަޔާންކޮށްފައި އޮވެއެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all