އިޒްރޭލު ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް ރަބަރު ބުލެޓުން ހަމަލާދީ ބޮޑެތި އަނިޔާތަކެއް ކޮށްފި!

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އަސީރުންގެ ގަޔަށް ކައިރިން ރަބަރު ބުލެޓު ޖަހައި، ހަށިގަނޑުގެ ނާޒުކު ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ހާމަކޮށްފިއެވެ. އިޒްރޭލުގެ ނޫހެއް ކަމަށްވާ "ހާރެޓްޒް" އާއި ބޭސްވެރިންގެ ޖަމާއަތްތަކުން ނެރުނު ރިޕޯޓްތަކެއްގައިވާ ގޮތުން، އެކި ޖަލުތަކުގައި މިފަދަ 21 ހާދިސާއެއް ހިނގާފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މި ރިޕޯޓްތައް ބުނާގޮތުން ޖަލު ބަލަހައްޓާ އިޒްރޭލުގެ އޮފިސަރުން މި ހަމަލާތައް ދީފައިވަނީ އެއްވެސް ހަމަނުޖެހުމެއް ހިނގައިގެން ނޫން ކަމަށާއި، ކުޑަ ގޮޅިއެއްގެ ތެރޭގައާއި ކައިރިން ބަޑިޖެހުމުގެ ސަބަބުން އަސީރުންގެ ކަށިތައް ބިންދައިގެން ގޮސް، ބައެއް މީހުންގެ ގުނަވަންތައް އޮޕަރޭޝަން ކޮށްގެން ވަކިކުރަން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އަނިޔާލިބޭ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދީ ގަސްތުގައި އިހުމާލުވަމުންދާ ކަމަށްވެސް ފަލަސްތީނުގެ އަސީރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ.
މިފަދަ އަނިޔާވެރި އަމަލުތައް ހިންގަނީ އަސީރުން ބިރުގަންނަވައި އަދަބުދިނުމުގެ ނިޒާމީ ސިޔާސަތެއްގެ ދަށުން ކަމަށްވާއިރު، ބައިނަލްއަގުވާމީ ދުނިޔެއިން މިކަން ހުއްޓުވުމަށް އަންނަނީ ގޮވާލަމުންނެވެ.
