އިންޓަކަލްޗަރަލް ޑައިލޮގް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާނަށް ފުރާވަޑައިގެންފި!
އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި އޮކްޓޫބަރު 27 އިން 29 އަށް ބާއްވާ "7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަކަލްޗަރަލް ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ރޭގެ ވަގުތެއްގައި އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.
ތަރިކައާ ބެހޭ މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގެ ފުރަތަމަ ދުވަހު ވަޒީރު ހީނާ ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އަދި އާ ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަމަލީ ހައްލުތަކެއް ހޯދުމުގެ އަމާޒުގައި "ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ ބައިނަލްއަގުވާމީ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ތަފާތު ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުން، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ފޯރަމްގެ ތެރެއިން ކުރިއަށްދާނެ މުހިންމު ކަންކަން:
ޚާއްޞަ ޖޮއިންޓް ސެޝަން: ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ސެޝަންގައި ވަޒީރު ވާހަކަފުޅު ދައްކަވާނެއެވެ.
އޭއައި އާއި ސަގާފަތް: މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވުމަށް ހަމަޖެހިފައިވަނީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ ގައުމުތަކާއި ޖަމިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
