Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ހުޅުމާލެ ފޭސް 2 ގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނުނު ކާރުގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ހުޅުމާލެ ފޭސް 2 ގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނުނު ކާރުގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި
Photo: Mihaaru
ތަފްޞީލް

މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހާދިސާގައި ހިމެނޭ ކާރުގައި ރޭ ދަންވަރު އަލިފާން ރޯވެ، އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:30 ހާއިރު އެވެ. އަލިފާން ރޯވިއިރު އެ ކާރު އޮތީ، ކުރިން އެކްސިޑެންޓު ހިނގި ސަރަހައްދު ކަމަށްވާ ވިނަރެސް ޓަވަރުތަކާ ދިމާލުން އިރުމަތީ ފަރާތުގައި ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފަ އެވެ. އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކޮށްފަ އެވެ.


ރޭ އަނދައިދިޔަ ކާރަކީ ސެޕްޓެމްބަރު މަހުގެ އެކްސިޑެންޓުގައި ކުއްޖާގެ ގައިމަތިން ދިޔަ ކާރުކަން އޭގެ ރަޖިސްޓްރީ ނަންބަރުން ކަށަވަރުވެ އެވެ. އެ ހާދިސާ ހިނގާފައިވަނީ ވިނަރެސް 7 އާ ދިމާލުން މަގުމަތީ މަޑުކޮށްގެން އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ސައިކަލު ވެއްޓުނު ވަގުތު، އޭގެ ފަހަތުގައި އިން ނުވަ އަހަރުގެ ކުއްޖާގެ ގައިމަތިން ފަހަތުން އައި ކާރު ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ އެކްސިޑެންޓުގައި ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ދެނިކޮށް އެ ކުއްޖާ ވަނީ ނިޔާވެފަ އެވެ.



އެކްސިޑެންޓަށްފަހު ތަހުގީގުގެ ބޭނުމަށް ހެކި ހޯދުމަށް ފުލުހުން އެ ކާރު ޓޯކުރި ނަމަވެސް، އޭގެ ވެރިފަރާތާ ކާރު އަލުން ހަވާލުކުރީ ކޮން ތާރީހެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.


ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ކާރު އެއްކޮށް އަނދާފައިވާއިރު، އޭގެ ވަރަށް ކައިރީގައި ކުރީގައާއި ފަހަތުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.



މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all