ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި ރޯވި އަލިފާން، ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފި
ހޭންޑްބޯލް މޯލްޑިވްސް ހިންގަމުންދާ އޮފީސް އިމާރާތުގައި މިއަދު ހެނދުނު ރޯވި އަލިފާން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި އަލިފާނުގެ ހާދިސާގެ ރިޕޯޓު އެ އިދާރާގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:05 ހާއިރު އެވެ.

އެ މައުލޫމާތު ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ސިފައިން ކުރި އަވަސް މަސައްކަތުން، އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔަނުދީ ކޮންޓްރޯލްކޮށް، ހެނދުނު 06:21 ހާއިރު ވަނީ އެއްކޮށް ނިއްވާލާފަ އެވެ.
މި ހާދިސާގައި ހޭންޑްބޯލް މޯލްޑިވްސް އޮފީސް ހިންގާ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

