ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ޙަމަލާއެއްގައި ދެމަފިރިއަކު ޝަހީދުވެ ޖުމުލަ 7 މީހުން މަރުވެއްޖެ!

ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލް ކައިރީގައިވާ އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ޙަމަލާއެއްގައި ފަލަސްޠީނުގެ އަަކްރަމް ޔާސީން އާއި އޭނާގެ އަނބިކަނބަލުން ދީނާ އަބޫ ބަކުރު ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އާއި މެޑިކަލް މޫސަސާތަކުން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހެލިކޮޕްޓަރަކުން ދިން މި މިސައިލް ޙަމަލާއާއެކު އެ އިމާރާތުގައި ބޮޑު އަލިފާންގަނޑެއް ރޯވި އިރު، އިތުރު 4 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މީގެ އިތުރުން، ޣައްޒާގެ ދެކުނުގެ ޚާންޔޫނިސް އަދި ޝައިޚް ރަޟްވާން ސަރަޙައްދުތަކަށް އިސްރާއީލު ސިފައިން ދިން ޙަމަލާތަކާއި ބަޑީގެ ޙަމަލާތަކުގައި 17 އަހަރުގެ ކުޑަކުއްޖަކު ހިމެނޭހެން އެހެން ފަލަސްޠީނީންވެސް ވަނީ މަރުވެފައެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ މި ޙަމަލާއަކީ ހަނގުރާމަވެރިއަކަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށެވެ.
ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ފާހަގަކުރާ ގޮތުގައި، ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް އިސްރާއީލުން ދެމުންދާ މިފަދަ ނުރައްކާތެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންގެ ސަލާމަތަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ.
އިސްރާއީލު-ފަލަސްޠީނު ހަނގުރާމައިގައި، އިސްރާއީލުގެ ވަރުގަދަ ޢަސްކަރީ ޙަމަލާތަކުގެ ސަބަބުން ޣައްޒާއިން ފަލަސްޠީނުގެ 74,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ 175,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ހުޅަނގު އައްސޭރިން 1,000 އަށްވުރެ ގިނަ ފަލަސްޠީނީން ޝަހީދުވިއެވެ،