މަތީތަޢުލީމް ހާސިލްކުރާ 28 ޕަސެންޓް ދަރިވަރުން އީ-ސިނގިރޭޓް ބޭނުންކުރޭ: ދިރާސާ
ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގައި މަތީ ތައުލީމު ހާސިލުކުރާ 28 އިންސައްތަ ދަރިވަރުން އީ ސިނގިރޭޓު ބޭނުންކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ފެބްރުވަރީ އެކެއް، 2024 އިން އޮކްޓޫބަރު އެކެއް، 2024ގެ ނިޔަލަށް ރިޝާނާ ނަސީރު މި ދިރާސާ ހެއްދެވީ، މާލޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ މެދުގައި އީ ސިނގިރޭޓު ނުވަތަ ވޭޕު ބޭނުންކުރާ މިންވަރު ދެނެގަތުމަށެވެ.
އޭނާކުރެއްވި މި ދިރާސާގައި ވަނީ އީ-ސިނގިރޭޓު ބޭނުންކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެ ކަންކަމާއި އީ-ސިނގިރޭޓު ބޭނުންކުރުމާ ހުރި ގުޅުން ތަހުލީލުކޮށްފައެވެ.
މި ދިރާސާއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ 397 ދަރިވަރުންގެ މެދުގައި، 'ސިސްޓަމެޓިކް ރެންޑަމް ސާމްޕްލިން' އުސޫލުން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. އެގޮތުން، މައުލޫމާތު އެއްކޮށްފައިވަނީ ދަރިވަރުން އަމިއްލައަށް ފުރާގޮތަށް ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާސް ބޭނުންކޮށްގެންނެވެ.
އެ ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، އެމްއެންޔޫގައި މަތީ ތައުލީމު ހާސިލުކުރާ 28 އިންސައްތަ ދަރިވަރުން އީ-ސިނގިރޭޓު ބޭނުންކުރެއެވެ. އޭގެތެރެއިން، 4.5 އިންސައްތަ ދަރިވަރުންނަކީ ކޮންމެ ދުވަހަކު އީ-ސިނގިރޭޓު ބޭނުންކުރާ ކަމަށް ރިޕޯޓުކޮށްފައިވާ ދަރިވަރުންނެވެ.
މީގެއިތުރުން، އެ ޔުނިވާސިޓީގެ ދަރިވަރުންނަށް އީ-ސިނގިރޭޓާ ބެހޭގޮތުން މައުލޫމާތު އެނގިފައިވަނީ މެދު މިންވަރަކަށް ކަމަށާއި ދިރާސާގައި ބުނީ، މިއީ މުޖުތަމައުއާއި ގައުމީ ފެންވަރުގައި އީ-ސިނގިރޭޓުގެ ގެއްލުންތަކާ ބެހޭގޮތުން އިތުރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އީ-ސިނގިރޭޓު ބޭނުންކުރާ މިންވަރު 18 އާއި 19 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އިތުރުކަމަށް ދައްކާ ކަމަށް ބުނެ، އެ އުމުރުފުރާއަށް އަމާޒުކޮށްގެން ތައުލީމީ ޕްރޮގްރާމްތައް ހިންގަންޖެހޭކަން ދިރާސާގައި ފާހަގަކުރިއެވެ.
މިގޮތުން، މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ހުރިހާ ސްކޫލްތަކާއި ތައުލީމީ މަރުކަޒުތަކުގައި އެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ވަރުގަދަކުރުމަށް ވަނީ ލަފާދީފައެވެ.
