ފުން ނިންޖަކީ ސިކުނޑި "ދޮވެ ސާފުކޮށްދޭ" ގުދުރަތީ ނިޒާމެއް: އެމްއައިޓީގެ އައު ހޯދުން
އިންސާނާ ފުން ނިންޖެއްގައި އޮންނަ ވަގުތަކީ، ސިކުނޑީގައި އުފެދޭ ބޭކާރު މާއްދާތައް ދޮވެ ސާފުކޮށްދޭ ގުދުރަތީ ނިޒާމު މަސައްކަތްކުރާ ގަޑި ކަމަށް އެމްއައިޓީގެ ނިއުރޯސައިންޓިސްޓުން ކުރި އައު ދިރާސާއަކުން ތަފްސީލުކޮށް ހާމަކޮށްފިއެވެ.
މި ދިރާސާގައި 18 އަހަރާއި 39 އަހަރާ ދެމެދުގެ ޒުވާނުންނާއި 60 އަހަރުން މަތީގެ މީހުން ނިދާފައި ތިބިއިރު އެމްއާރުއައި ސްކޭން މެދުވެރިކޮށް ސިކުނޑީގެ ހަރަކާތްތައް ވަނީ ބަލާފައެވެ. ނަތީޖާއިން ދެއްކި ގޮތުގައި، ފުން ނިދީގެ ތެރޭގައި ސިކުނޑީގެ ލޭހޮޅިތަކާއި "ސެރެބްރޯސްޕައިނަލް ފްލުއިޑް" ނަމަކަށް ކިޔާ ދިޔައެއް ފުރިހަމަޔަށް ދައުރުވެ، ސިކުނޑީގެ ސެލްތަކުގައި ޖަމާވެފައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެއެވެ.
ދިރާސާއިން ފާހަގަވި ގޮތުގައި ޒުވާން އުމުރުގައި މި "ސާފުކުރުމުގެ ރާޅުތައް" ވަރަށް ވަރުގަދައަށް މަސައްކަތްކުރި ނަމަވެސް، އުމުރުން ދުވަސްވާ ވަރަކަށް މި ނިޒާމުގެ ބާރު ދަށްވެއެވެ. އަދި ނިދި މަދުވުމާއި ނިދީގެ ފެންވަރު ދަށްވުމަކީ ޒުވާން އުމުރުގައިވެސް މި ނިޒާމަށް ބުރޫއަރާ ކަމެއްކަން ސައިންސްވެރިން ފާހަގަކުރެއެވެ.
ރޭގަނޑު ދަންވަންދެން ފޯނު ބެލުމާއި މަސައްކަތުގައި އުޅުމުގެ ސަބަބުން ފުރިހަަމަ ނިދި ނުލިބޭ ޒުވާނުންނަށް މިއީ މުހިންމު އިންޒާރެކެވެ. ފުން ނިންޖަކީ ހަމައެކަނި ހަށިގަނޑަށް އަރާމު ދޭ ކަމެއް ނޫން ކަމަށާއި، އެއީ ސިކުނޑީގެ ތޫނުކަމާއި ހަނދާން ގަދަކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ "މެއިންޓެނަންސް" ވަގުތުކަން މި ދިރާސާއިން ސާބިތުވެއެވެ.

